މާލޭގައި ބަނގުރަލުގެ ވިޔަފާރިކުރާ ބިދޭސީންތަކެއް އަތުލައިގެންފި އެެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަންއެއްގެ ތެރެއިން ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ ބިބަސް ރާއި (24އ) އާއި، ޑެބި ތަމަންގް (39އ) އާއި، ޕްރަތިޗާ ކަރްކީ ލިމްބް (31އ) އަދި ލަކްސްމީ ޖިމީ (37އ) އެވެ. އެ ހަތަރު މީހުންނަކީ ވެސް ނޭޕާލް މީހުންނެވެ.
ފުލުހުން ބުނީ އެ ހަތަރު މީހުން ތިބި އެޕާޓްމަންޓް ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500އެމްއެލްގެ ހަތަރު ފުޅިއާއި ފަސް ލީޓަރުގެ ދެ ފުޅި ފެނުނު ކަމަށެެވެ.
އެހެންވެ އެ ހަތަރު މީހުން ވެސް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.
އެ ހަތަރު މީހުން ވެސް ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.