
ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ ބަނގުލަދޭޝްއަށް ނިސްބަތްވާ މެހެދީ ހަސަން ރާނާ، (25އ)އެވެ.
ފުލުހުން ބުނީ މެހެދީ ހައްޔަރުކުރީ އިއްޔެ ފުލުހުން ހުޅުމާލެ ފޭސް އެކެއްގައި ޕެޓްރޯލްކުރުމުން ދިޔައިރު މެހެދީގެ އަމަލުތައް ހުރިގޮތުން އޭނާ ހުއްޓުވައި ބަލައިފާސްކުރުމަށް ފަހު ކަމަށެވެ.
މެހެދީ ބަލައިފާސްކުރިއިރު، އޭނާ ގެންގުޅުނު ދަބަސް ތެރެއިން، ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500އެމްއެލްގެ 26ފުޅި ފެނުނުކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 20ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުވެސްކޮށްފައެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

