ރޯދަ މަހު އެކަށީގެންވާ މިންވަރަށް ކިޔަަވައިދޭން އޮތީ ދަތިވެފައިކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ކިޔަވައިދޭ ދުވަސްތައް ނުވަތަ ގަޑިތައް ނުގެއްލޭ ގޮތަށް، ކުރިއަށް އޮތްތަނުގައި ކޮންމެ އަހަރަކު ވެސް މުޅި ރޯދަ މަސް އެއްކޮށް ސްކޫލުތައް ބަންދުކުރަން ވިސްނުން ގެންގުޅޭކަން އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހާމަކުރައްވައިފަ އެވެ.
އަދި އެކަން ހަމަޖެއްސޭތޯ ބެއްލެވުމަށް ރައީސް މުއިއްޒު ވަނީ މިނިސްޓަރު ޝަފީއުއަށް ވެސް ދަންނަވައިފަ އެވެ.
ޝަފީއު މިއަދު ހަވީރު ފޭސްބުކުގައި ލިޔުއްވީ ރޯދަ މަހު ކިޔަވައިދިނުން އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވޭ ކިތަންމެ ސަަބަބެއް އެބަހުރި ކަމަށެވެ. އަދި ހުދު ބެެލެނިވެރިން ވެސް އެ ކަަންކަން ފާހަގަކޮށް ރޯދަ މަހު ސްކޫލު ބަންދުކުރަން ރައީސްގެ އަރިހުން އެދުނީ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރޯދަމަސް ބަންދުކުރުމަށް ބެލެނިވެރިން އެދުނު ސަބަބުތައް
- މަދު ވަގުތުތަކަކަށް އިސްކޫލަށް ދަރިވަރުން ގޮވައިގެން ދިއުމުގެ ތަކުލީފު އުފުލަން ޖެހުން
- ރޯދަ މަހު 12 ވަރަކަށް ދުވަހު ސްކޫލުގައި ކުރިއަށް ގެންދާ ކިޔެވުން އެހެން މަސްތަކުގެ ހައެއްކަ ދުވަހުން ގެންދެވޭނޭކަމަށް ބެލެނިވެރިން ދެކުން
ރޯދަމަހުގައި ގިނަ އަދަދެއްގެ ދަރިވަރުން ގަވާއިދުން ސްކޫލަށް ހާޒިރުނުވުމާއި މުދައްރިސުންގެ ތެރެއިން ވެސް ބައެއް މުދައްރިސުން އާންމު މަސްތަކާއި ހިލާފަށް ރޯދަމަހުގައި ސަލާމުގެ ނުވަތަ އާއިލީ ޒިންމާގެ ޗުއްޓީ ނެގުން އިތުރުކަމަށް ރެކޯޑުތަކުން ދެއްކުން.
“ރޯދަމަހުގެ ދުވަސްތަކުގައި އާންމު ސެލޫން ކިޔަވައިދިނުމުގެ ބަދަލުގައި ޕްރޮޖެކްޓް-ބޭސްޑް ތލާނިންގ ފަދަ ހަރަކާތްތަކާއި، އިސްލާމްދީނަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށްގެންދާ ތަފާތު ޕްރޮގްރާމްތަކާއި، ކީރިތި ޤުރުއާނަށް ދަރިވަރުންގެ ހިތްތަކުގައި ލޯބިޖެއްސުމަށް ހިންގާ ތަފާތު ހަރަކާތްތަކާއި މުބާރާތްތަކުގެ އިތުރަށް އަދަބީ ހަރަކާތްތަކަށް އިސްކަންދީގެން އިސްކޫލުގެ ހަރަކާތްތައް ކުރިއަށް ގެންދެވިދާނެއެވެ.” މިނިސްޓަރު ވިދާޅުވި އެވެ.
ޝަފީއު އިތުރަށް ވިދާޅުވީ ރޯދަ މަހު ކިޔަވައިދިނުމުގެ ބަދަލުގައި މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓުގެ އެކި ހަރަކާތްތައްވެސް ގެންދެވިދާނެ ކަމަށެވެ.
އަދި ރޯދަ މަހުން ސްކޫލުތައް ބަންދުކުރަން ނިންމިޔަސް ބައިނަލްއަުވާމީ އިމްތިހާނުތަކަށް ތައްޔާރުވާ ކީ ސްޓޭޖް 4 އަދި 5ގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.