
އަސާސީ ލިސްޓުގައި ހިމެނޭ ބާވަތްތައް ރޯދަމަހު ހުސްނުވެ ލިބޭނެ ކަމުގެ ޔަގީންކަން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ދީފިއެވެ.
ސަރުކާރުން ވަނީ އަސާސީ ބާވަތްތަކުގެ ލިސްޓަށް އިތުރު ބާވަތްތައް އިތުރުކޮށްފައެވެ. އެހެންކަމުން އެ ލިސްޓުގައި މިހާރު ހަނޑޫ، ހަކުރު، ފުށުގެ އިތުރުން 10 ބާވަތުގެ ތަރުކާރީ އަދި 10 ބާވަތުގެ މޭވާ ހިމެނޭހެން ޖުމްލަ 23 ބާވަތެއް ހިމެނެއެވެ.
އެތަކެތި ރާއްޖެއަށް އެތެރެކޮށް، އަތޮޅުތެރޭގައިވެސް ހޯލްސޭލްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެސްޓީއޯއާއެވެ.
އެސްޓީއޯއިން ބުނީ، އަސާސީ ކާބޯތަކެތީގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ މި 23 ބާވަތް މި ރޯދަމަހު ހުސްނުވެ ބާޒާރުން ލިބެން ހުންނާނެ ކަމަށެވެ. މިއީ ރޯދައަށް ތައްޔާރުވުމުގެ ގޮތުން އެންމެ އިސްކަމެއް ދީގެން މިހާރު ކުރިއަށްގެންދާ މަސައްކަތް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އޭގެއިތުރުން، 3000 އިން މަތީގެ އާބާދީތަކަށް މިހާރު އެސްޓީއޯގެ އެޖެންޓުން މެދުވެރިކޮށް މިތަކެތި ލިބޭނެ އިންތިޒާމްތައް ރޯދަމަހު ހަމަޖެހިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

