
އިމިގްރޭޝަންއިން ރޭ ވެސް ސްޕާތަކެއް ރެއިޑްކޮށް ބައެއް ތަންތަން ބަންދުކޮށްފިއެވެ.
ސްޕާއާއި ސެލޫން އަދި މަސާޖު ޕާލާތަކުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަންއިން ވަރުގަދަ ރެއިޑެއް ފެށީ ނިމިގެން ދިޔަ ހަފްތާގައެވެ.
އެގޮތުން މިދިޔަ ހަފްތާގައި ވަނީ އިމިގްރޭޝަންއިން ޖުމްލަ 12 މަސާޖުޕާލަރެއް ބަލާ ފާސްކޮށް، ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ 12 ބިދޭސީއަކު އަތުލައިގެންފައެެވެ. އަދި އަށް މަސާޖު ޕާލަރެއް ބަންދު ވެސް ކުރިއެވެ.
އިމިގްރޭޝަންއިން މިއަދު ބުނީ ސްޕާ/ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަނެއް ރޭ ވެސް ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި މާލޭގައި ހިންގަމުން ދިޔަ 10 ތަނެއް ބަލައި ފާސްކޮށް އޭގެ ތެރެއިން 03 ތަނެއް ބަންދުކުރި ކަމަށް ވެސް އިމިގްރޭޝަންއިން ބުންޏެވެ.
މަސާޖު ޕާލާތަކުގައި ވިސާ ނެތި ބިދޭސީން މަސައްކަތް ކުރުމާއި އެ ތަންތަނުގައި ހަށި ވިއްކާކަމުގެ މައްސަލަތައް ވެސް ވަރަށް ގިނައިން ވަނީ ފެންމަތިވެއެވެ.
މަސާޖު ޕާލާތަކުގެ އިތުރުން އެހެނިހެން ސިނާއަތްތަކުގައި ވެސް ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީން ހޯދަން އިމިގްރޭޝަންއިން ދަނީ ވަރުގަދަ ރެއިޑްތައް ކުރިއަށް ގެންދަމުންނެވެ.

