މިއަދުގެ ރީތި ތާރީހާ ގުޅިގެން މާލޭގައި 59 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.
ކައިވެންޏަށް ތައްޔާރުވާއިރު ރީތި ތާރީހުތަކަށް ގިނަ ބަޔަކު އިސްކަންދެ އެވެ. މިއަދުގެ ތާރީހާ ގުޅުވައި ފެމިލީ ކޯޓުން ގިނަ އަދަދެއްގެ ކައިވެނި ކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އެ ކޯޓުން ބުނީ މިއަދަކީ މި އަހަރުގެ މިހާތަނަށް އެ ކޯޓުގައި އެއްދުވަހާ އެންމެ ގިނަ ކައިވެނި އަގްދު ކޮށްދިނުމަށް ހަމަޖެހިފައިވާ ދުވަސް ކަމަށެވެ. ކޯޓަށް އަންނަ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެ ކޯޓުން ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށް ފެމިލީ ކޯޓުން ބުންޏެވެ.
ގިނަ އަދަދެއްގެ ފަރާތްތަކުން މިއަދު ކައިވެނި ކުރުމަށް ހަމަޖެހިފައިވާތީ ފެމިލީ ކޯޓަށް ހާޒިރުވާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެ ކޯޓުގެ ބޭރުގައި ވަނީ ޓެންޓު ޖަހައި އިށީދެ ތިބެވޭނެ ގޮތަށް ގޮނޑި ބަހައްޓާފަ އެވެ.
ފެމިލީ ކޯޓުން ބުނި ގޮތުގައި ރަސްމީ ގަޑީގައި 23 ކައިވެނި ކޮށްދޭނެ ކަމުގަ އެވެ. އަދި ނުރަސްމީ ގަޑީގައި 36 ކައިވެންޏެއް ކޮށްދޭނެ ކަމުގަ އެވެ.

މި އަހަރު ފެމިލީ ކޯޓުން ކޮށްދީފައިވާ ކައިވެނިތަކާއި ވަރީގެ ތަފުސީލް:
- ޖެނުއަރީ – 108 ކައިވެނި، 108 ވަރި
- މާޗް – 83 ކައިވެނި، 56 ވަރި
- އޭޕްރީލް – 181 ކައިވެނި، 113 ވަރި
މިދިޔަ އަހަރު އެންމެ ގިނަ މީހުން މާލޭގައި ކައިވެނި ކޮށްފައި ވަނީ 24.12.24 ގަ އެވެ. އެ ދުވަހު 52 ކައިވެންޏެއް ކޮށްފައިވެ އެވެ. ދެން އެންމެ ގިނަ ކައިވެނި ކުރި 24.4.24 ގައި 38 ކައިވެނި ކޮށްދީފައިވެ އެވެ.
ފެމިލީ ކޯޓުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ކޯޓުން 2،485 ކައިވެނި ވަނީ ކޮށްދީފަ އެވެ. އަދި 1،326 ވަރި ކޮށްދީފައިވެ އެވެ.
އެ ކޯޓުން ހާމަކޮށްފައިވާ ގޮތުގައި 2023 ވަނަ އަހަރު 2،425 ކައިވެންޏާއި 1،281 ވަރި ކޮށްދީފައިވެ އެވެ. އޭގެ ކުރީ އަހަރު ކޯޓުން 2،514 ކައިވެނި ކޮށްދިންއިރު، 1،346 ވަރި ކޮށްދިނެވެ.