
އަޙްމަދު ރިޟާ (ކުރިކީލަ ރިޟާ) އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ހ. ނޫކުރިކީލަ އަޙްމަދު ރިޟާ (ކުރިކީލަ ރިޟާ) އަވަހާރަވުމުގެ ހިތާމައިގައި އެ މަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާ ކަމަށާއި ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވާ ކަމަށް، ވިދާޅުވެފައެވެ. އަދި މަރުޙޫމަށް ސުވަރުގޭގެ ދާޢިމީ ނިޢުމަތް ދެއްވައި، ﷲތަޢާލާގެ ތަނަވަސް ރަޙުމަތުގައި ލެއްވުން އެދި އެމަނިކުފާނު ވަނީ ދުޢާ ކުރައްވާފައެވެ.
މީގެ އިތުރުން ރިޟާއަކީ ޝަރުޢީ ދާއިރާ، އަދި ސަރުކާރަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ފަރާތެއްކަމަށާއި އިޖްތިމާޢީ ކަންކަމުގައި ވެސް އެކި ފަރާތްތަކަށް އެހީ ފޯރުކޮށްދެއްވާ ފަރާތެއްކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

