ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ޕްރެފެންޝަލް ވޯޓިން ސިސްޓަމް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
މިދިޔަ ބުދަ ދުވަހު މުލިއާގޭގައި މަޖިލިސް މެންބަރުންނާއެކު ރައީސް މުއިއްޒު ބޭއްވެވި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމަށާއި ރައްޔިތުންގެ މަޖިލިސް އިންތިހާބާއި އެއްކޮށްލުމަށް އާންމުންގެ ފެންނަ ނުފެންނަ ވޯޓަކަށް މި އަހަރު ދާއިރު މެންބަރުންގެ އެއްބާރުލުމަށް އެދިވަޑައިގެންފަ އެވެ.
މިއާއެކު ދެވަނަ ބުރު އުވާލައި، ފުރަތަމަ ބުރުގެ ވޯޓުން ރައީސަކު އިންތިހާބުކުރާއިރު ވޯޓުލާ އާބާދީގެ ފުރިހަމަ މެޖޯރިޓީ ނެތި ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ލިބޭ މީހަކަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭ ގޮތެއް ހެދުމާ ދެކޮޅަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި އެވެ. ޝުއޫރު ފާޅުކުރި ގިނަ މީހުން ވެސް ބުނި ގޮތުގައި އެ ގޮތަށް ބަދަލުކުރާނަމަ އެންމެ ރަނގަޅު ވާނީ ޕްރެފެންޝަލް ވޯޓިނެވެ.
މި ބަހުސް ސޯޝަލް މީޑިއާގައި ގަދަވެފައި ވަނިކޮށް ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަ ސެކްރެޓަރީ އިބްރާހީމް އަބާން އަބްދުއްލަތީފް އެކްސްގައި ލިޔުއްވީ “ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ ޕްރިފަރެންޝަލް ވޯޓިން ސިސްޓަމް ތައާރަފުކުރުން،” ކަމަށެވެ.
ރައީސްގެ ބައެއް އަރިސް ބޭފުޅުންނާއި ސަރުކާރަށް ތާއީދު ކުރާ މީހުން ވެސް މިހާރު ގެންދަނީ ޕްރެފެންޝަލް ވޯޓިން ސިސްޓަމް ގެންނަން ތާއީދުކޮށް ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ހިންގަމުންނެވެ.
ޕްރެފެންޝަލް ވޯޓިން ސިސްޓަމަކީ ކޮބައި؟
ޕްރެފެންޝަލް ވޯޓިން ނިޒާމުތަކުގައި ވޯޓުލާ ގޮތަކީ ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކު ރޭންކްކޮށްގެން ވޯޓުލުމެވެ. ކަމުދާ ތަރުތީބުން ވޯޓު ދެވޭ ގޮތަށެވެ. އެންމެ ބޮޑަށް ކަމުދާ ކެންޑިޑޭޓަކަށް އެކެއް، ދެން ކަމުދާ ކެންޑިޑޭޓަކަށް ދޭއް، ދެން ކަމުދާ ކެންޑިޑޭޓަކަށް ތިނެއް، މިފަދަ ގޮތަކަށް ޖަހައިގެން ރޭޓް ކޮށްގެންނެވެ.
މި ނިޒާމުގައި ވެސް 50 ޕަސެންޓު ރައްޔިތުންގެ ރުހުން މަދުވެގެން އޮތްތޯ ބަލާނެ އެވެ.
އޭގައި އަމަލުކުރާ ގޮތަކީ 50 ޕަސެންޓު ރައްޔިތުން “އެކެއް” ރޭޓިން ދިން ކެންޑިޑޭޓެއް ނެތް ނަމަ، ދެން ބަލާނީ “ދޭއް” ރޭޓިން ދިން ގޮތަށެެވެ. “ދޭއް” ރޭޓިން ގުނަން ފަށާނީ “އެކެއް” ރޭޓިން މަދުން ލިބުނު ކެންޑިޑޭޓު ނުވަތަ އޭގެ ތެރެއިން ވަކި އަދަދަކަށް ކެންޑިޑޭޓުން ނުލަ އެވެ. “ދޭއް” ރޭޓިންއަށް ފަހު ވެސް 50 ޕަސެންޓު ކެންޑިޑޭޓަކަށް ހަމަ ނުވާ ނަމަ، ކުރިން މި ފާހަގަ ކުރި އުސޫލުން ހަމަ ކުރިއަށް ދާނެ އެވެ.