
އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހަކީ ރިޔާސީ ބަޔާން އިއްވާ ދުވަހުގެ ގޮތުގައި ކަނޑައަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ، އަންނަ މަހުގެ 5ވަނަ ދުވަހު ބޭއްވުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ނިންމަވާފައިވާ ކަމަށެވެ.
އެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވާނެއެވެ. ޖަލްސާ ބޭއްވުމަށް ނިންމާފައި ވަނީ އެ ދުވަހު ހެނދުނު 9:00 ގައެވެ.
މިދިޔަ އަހަރުން ފެށިގެން ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ. އެހެންކަމުން ފެބްރުއަރީ 5 ވާ ބުރާސްފަތި ދުވަސް ވެސް ސަރުކާރު ބަންދުވާނެއެވެ.

