
ރާއްޖޭގެ ރިޒާވް މިހާތަނަށް މަތިނުވާ މިންވަރަށް މަތިވެފައިވާ ކަމަށާއި، އެހެންކަމުން މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އިގްތިސޯދީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖޭގެ މާލީ އަދި އިގްތިސޯދީ ހާލަތަށް އަތުވެދާނެ ބަދަލުތައް ބަލަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެގޮތުން ބޭރުދުނިޔެއިން ކުރިމަތިވެދާނެ ލޮޅުންތަކުން އަރައިގަތުމަށާއި، މުދާ އިމްޕޯޓް ކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށާއި، އިގްތިސޯދީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް މިހާރު ހުރި ރިޒާވާއެކު ސަރުކާރަށް ބޮޑު ބާރަކަށް ވެގެންދާނެ މިނިސްޓްރީން ބުނެފައިވެއެވެ.
އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެކަމާ ކުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން، އެ ހާލަތުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ހިރާސްތަކަށް ތައްޔާރުވުމަށާއި، އަވަސް ފިޔަވަޅު އެޅުމަށް ކުރަންޖެހޭ ކަންކަން މެދުކެނޑުމެއްނެތި ކުރަމުންދާ ކަމަށެވެ.
ރާއްޖެއަށް ބޭނުންވާ ތެޔޮ މައިގަނޑު ގޮތެއްގައި އެތެރެކުރަނީ އޮމާން މެދުވެރިކޮށެވެ. މިނިސްޓްރީން ބުނީ އެހެންކަމުން ތެޔޮ ފޯރުކޮށްދިނުމުގެ ނިޒާމަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަނެ، ތެލުގެ ސަޕްލައި މެދުނުކެނޑި ފޯރުކޮށްދިނުމަށް އެސްޓިއޯއާ ގުޅިގެން ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.
ފިނޭންސުން އިތުރަށް ބުނީ، ރާއްޖޭގެ އިގްތިސޯދު ބިނާވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މައްޗަށް ކަމަށްވުމާއެކު، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރަށާއި، ބައިނަލްއަގްވާމީ ދަތުރުފަތުރުގެ ނިޒާމަށް ކޮށްފާނެ އަސަރުތައްވެސް ވަރަށް ބޮޑަށް ދިރާސާ ކުރަމުން އަންނަ ކަމަށެވެ.
މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ގިނަ ފްލައިޓްތަކެއް ވަނީ ކެންސަލްކޮށްފައެވެ. ރާއްޖޭން އެ ސަރަހައްދަށް ދާން ހަމަޖެހިފައިވާ ގިނަ ފްލައިޓްތަކެއްވެސް ވަނީ ކެންސަލްކޮށްފައެވެ. އެހެންވެ ރާއްޖޭނެ ފުރަން ތިބި އެތައް ފަތުރުވެރިންނެއް ވަނީ ނުދެވި ތާށިވެފައެވެ. އަދި އެ ސަރަހައްދުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ބޮޑުތަނުން މަދުވާނެ ކަމަށް ތަޖުރިބާކާރުން އަންދާޒާ ކުރެއެވެ.

