
މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ރިސޯޓް ސިނާއަތުގައި ހިދުމަތް ދިން އަގުތައް 1.81 ޕަަސެންޓް މަތިވެފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް)އިން ބުނެފިއެވެ.
އެމްބީއެސްއިން އާއްމުކުރި މިދިޔަ ތިންވަނަ ކުއާޓަރުގެ ޕްރޮޑިއުސާ ޕްރައިސް އިންޑެކްސް (ޕީޕީއައި) ނުވަތަ އުފައްދާ ފަރާތްތަކަށް ލިބޭ އަގުތަކުގެ ބަދަލު ވަގުތުގެ ތެރޭގައި ދައްކުވައިދޭ މާލީ މިންގަނޑު ދައްކާ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހާ އަޅާބަލާއިރު، މި ސެޕްޓެންބަރު މަހުގެ ނިޔަލަށް ރިސޯޓްތަކުގެ ޕީޕީއައި އަށް ވަނީ +1.81% ގެ ކުރިއެރުމެއް ލިބިފައެވެ.
ޕީޕީއައި ދައްކާ ގޮތުން 2024 އަހަރަށްވުރެ އަހަރުގެ އަގުތަކަށް ބަލާއިރު، ޖުލައި މަހު ރިސޯޓްތަކުގައި އެނދު ވިއްކި އަދި ހިދުމަތް ދީގެން ލިބުނު އަގުތައް ވަނީ 0.26% ދަށްވެފައެވެ. ނަމަވެސް އޮގަސްޓް +0.65% އަދި ސެޕްޓެމްބަރު މަހު (+1.81%) އަށް އިތުރުވެފައި ވެއެވެ. މި ބަދަލުތަކުން ދައްކުވައިދެނީ ޑިމާންޑް ދަަށްވެ، މާކެޓަށް އައިސްފައިވާ ބަދަލުތަކެވެ.
ސަރުކާރުން ވަނީ މި އަހަރު ޓޫރިޒަމްގެ އާމްދަނީ އިތުރުވާނެ ކަމަށް އަންދާޒާކޮށްފައެވެ. އެވްރެޖުކޮށް މި އަހަރު ޓޫރިޒަމް އާމްދަނީގެ ގޮތުގައި ކުއާޓަރެއްގައި ލިބިފައިވަނީ ބިލިއަނެއްހާ ޑޮލަރެވެ. އަދި މުޅި އަހަރު ހަތަރު ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާ ކުރެވިފައި ވެއެވެ.

