އައްޑޫ ސިޓީގެ ވަކިވަކި ރަށްރަށުގައި ކައުންސިލްތައް ހަދަން ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ބަދަލުގައި އައްޑޫއަށް ދިމާވެފައިވާ މައްސަލަތައް ގާނޫނު ބަދަލުކޮށްގެން ހައްލުކުރެވެން އެބައޮތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ހިޔާލު ހޯދަން ވޯޓު ނަގަން ނިންމީ އެ ރަށްރަށުގެ ރައްޔިތުން އެކަމަށް އެދޭތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އަދި އަންނަ ހޮނިހިރު ދުވަހު އެ ވޯޓު ނަގަން ނިންމާފައިވާ އިރު ރީ ރަޖިސްޓްރޭޝަންގެ ކަންކަން ވެސް މިހާރު އޮތީ ނިމިފަ އެވެ.
އެ ވޯޓާ ގުޅިގެން ފައްޔާޒް އެކްސްގައި ވިދާޅުވީ އައްޑޫ ސިޓީގެ ރިފަރަންޑަމްއާ ގުޅޭ ގޮތުން އައްޑޫގެ ވަރަށް ގިނަ އެމްޑީޕީ މެންބަރުންނާ ބައްދަލުކޮށް މަޝްވަރާ ކުރެވިއްޖެ ކަމަށެވެ. އަދި ސަރުކާރުން ރިފަރަންޑަމް ނަގަން އުޅޭ ގޮތާމެދު ވަރަށް ގިނަ ރައްޔިތުންގެ ކަންބޮޑުވުންތަކަކާއި އެތައް ބައިވަރު ސުވާލުތަކެއް އެ ރައްޔިތުންގެ އެބަހުރި ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވަނީ އެ ރެފަރަންޑަމްގެ ނަތީޖާގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ތަކުލީފުތަކަށް ހައްލު ލިބިގެންދާނެތޯ ނޫނީ އޭގެ ސަބަބުން އެ ތަކުލީފުތައް ވާނީ އިތުރުތޯ ވެސް އައްސަަވާފަ އެވެ.
އެެހެންވެ ރެފަރަންޑަމްގައި ނިންމާ ގޮތްތަކުން ނުކުންނާނެ ނަތީޖާގެ ސާފު މައުލޫމާތު ސަރުކާރުން ޒިންމާދާރުކަމާއެކު ރައްޔިތުންނަށް އޮޅުންފިލުވައި ދިނުން މުހިއްމުކަމަށް އޭނާ ވިދާޅުވި އެވެ.
އައްޑޫ ސިޓީގެ ރިފަރަންޑަމްއާ ގުޅޭ ގޮތުން އައްޑޫގެ ވަރަށް ގިނަ އެމް.ޑީ.ޕީ މެންބަރުންނާ ބައްދަލުކޮށް މަޝްވަރާ ކުރެވިއްޖެ. ސަރުކާރުން ރިފަރަންޑަމް ނަގަން އުޅޭ ގޮތާމެދު ވަރަށް ގިނަ ރައްޔިތުންގެ ކަންބޮޑުވުން އެބަހުރި. އެތައް ބައިވަރު ސުވާލުތަކެއް އެ ރައްޔިތުންގެ އެބަހުރި.…
— Fayyaz Ismail (@faya_i) October 19, 2025
“އަދި އަމުދުން މި ކަންކަން ނުކޮށް އެހައި އަވަސް އަރުވާލައިގެން ރިފަރަންޑަމްއެއް ނެގުމުގެ ބަދަލުގައި، އައްޑޫ ސިޓީގެ ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ހައްލުކުރުމަށް ގާނޫނަށް ބަދަލު ގެނެސްގެން ހައްލު ހޯދައި ދެވެންއޮތްއިރު، ރިފަރަންޑަމްގައި ރައްރަށަށް ދިމާވެފައިވާ މައްސަލަ ގާނޫނުން ހައްލުކޮށް، މިހާރު އޮތްގޮތަށް ހުރިހާ ރަށެއް އެއްކޮށް ބޭއްވުމާ މެދު ރައްޔިތުން ދެކޭގޮތް ރިފަރަންޑަމަށް އިތުރުކުރަންވެސް ރައްޔިތުން ބޭނުންވޭ.”ފައްޔާޒް ވިދާޅުވި އެވެ.