
ރިވެތި އަޚްލާޤް ލިބިގަތުމަކީ ޤިޔާމަތް ދުވަހުގައި އެ މީހެއްގެ ދަރަޖަ އުފުލޭނެ ކަމެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވައިލައިފައި ވަނީ “އިސްލާމީ ރިސާލަތަކީ ލޯތްބާއި ރަޙުމަތުގެ ރިސާލަތެއް” މި މައުޟޫއަށެވެ. އިސްލާމީ ރިސާލަތަކީ މުޅި އިންސާނިއްޔަތަށް ހިދާޔަތް ދެއްވުމަށް މާތްﷲ ފޮނުއްވި މާތް ރިސާލަތެއްކަމަށާއި ރިސާލަތުގެ މައިގަނޑު އަސާސްތައް ބިނާވެގެން ވަނީ ލޯތްބާއި ރަޙުމާއި އޯގާތެރިކަމާއި، ހަމަޖެހުމާއި އަމާންކަމުގެ މައްޗަށް ކަމަށާއި ރިވެތި އަޚްލާޤަށް ނުހަނު ބޮޑަށް އިސްލާމްދީން ބާރުއަޅާ ކަމަށާއި ރިވެތި އަޚްލާޤަށް ވަރަށް މަތިވެރި ދަރަޖައެއް ދެއްވައިފައިވާކަމަށް ޚުތުބާގައި ބުނެދީފައި ވެއެވެ.
އުންމަތުގެ މާތް ނަބިއްޔާ ، ރިވެތި އަޚްލާޤުގެ ނަމޫނާ ދައްކަވަމުން އެކަލޭގެފާނުގެ ޞަޙާބީންނާއި މުޅި އުންމަތް، މި މަތިވެރި ޞިފަތައް އަށަގެންނެވުމުގެ މައްޗަށް ތަރުބިއްޔަތު ކުރެއްވިކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.
ރަސޫލާގެ ޙަދީޘް ބަސްފުޅެއްގައި ވެއެވެ. “ހަމަކަށަވަރުން، މުއުމިނު އަޅާ އޭނާގެ ރިވެތި އަޚްލާޤުގެ ސަބަބުން ސުންނަތް ރޯދަހިފައި ރޭ އަޅުކަންކުރުންމަތީ ޤާއިމްވެ ހުންނަ މީހާގެ ދަރަޖައަށް ވާޞިލްވާނޭކަން ކަށަވަރެވެ.” މި ޙަދީޘް ބަސްފުޅުން އަންގައިދެނީ ރިވެތި އަޚްލާޤުގެ ވެރިޔަކަށް ވުމަށް ކަމަށާއި އެއީ ޤިޔާމަތް ދުވަހުގައި އެމީހެއްގެ ދަރަޖަ މަތިވެރިވެގެންދާނޭ ކަމެއްކަމަށް ޚުތުބާގައި ހަނދާންކޮށްދީފައި ވެއެވެ.
މީގެ އިތުރުން މުއުމިނެއްގެ މިސާލަކީ އެއް ހަށިގަނޑެއް މިސާލުކަމަށާއި ލޯތްބާއި، ހަމްދަރުދީއާއި، އޯގާތެރިކަމާއި، އަޅައިލުމާއި، ހެޔޮފޯރުކޮށް ދިނުމަށާއި މުޖުތަޢުގެ ހުރިހާ އަފްރާދުންގެ މެދުގައި ހެޔޮ ގޮތުގައި ގުޅުންތައް ބިނާކުރުމަށް ވެސް ހުކުރު ޚުތުބާގައި ނަޞީޙަތްތެރިވެފައި ވެއެވެ.

 
