
ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއަރުވަން ތުރުކީއާއެކު މަޝްވަރާތަކެއް ބާއްވައިފިއެވެ.
އެ މަޝްވަރާތައް ކުރިއަށް ދިޔައީ ރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް ރިޓަޔާޑް އަބްދުއް ރަހީމް އަބްދުއް ލަތީފް ތުރުކީގެ ހެލްތު މިނިސްޓަރު އަދި ޕްރޮފެސަރު ޑރ. ކެމާލް މެމިޝޯލު އާ އިއްޔެ ބޭއްވެވި ބައްދަލުވުމުގެ ތެރެއިނެވެ.
މި ބައްދަލުވުން ބޭއްވުނީ އަންކާރާގައި ހުންނަ ހެލްތު މިނިސްޓްރީގެ މައި އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް އެއްބާރުލުން ދެވިދާނެ ގޮތްތަކާމެދު ސަފީރު ޢަބްދުއްރަހީމްއާއި ތުރުކީގެ ހެލްތު މިނިސްޓަރު މަޝްވަރާކުރެއްވިއެވެ. އޭގެ އިތުރުން، ތުރުކީ ސަރުކާރުން ރާއްޖެއަށް އެކި ދާއިރާތަކުން ދެއްވާ އެހީތެރިކަމަށް ސަފީރު އަބްދުއްރަޙީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އެ ބައްދަލުވުމުގައި ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި މޯލްޑިވްސް–ތުރުކިޔޭ އިންޓަޕާލިމަންޓްރީ ފްރެންޑްޝިޕް ގްރޫޕްގެ ޗެއާޕާސަން ޑރ. އުއްމުގުލްޝެން އޮޒްޓާކް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އަދި ސަފީރުގެ އަރިހުގައި ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑަރު އަބްދުލްވާރިސް ސައީދު އަދި އެމްބަސީގެ ފަސްޓް ސެކްރެޓަރީ އާމިނަތު ޝަޒްލީ ސަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.

