ރާއްޖޭގެ އިގުތިސޯދު އޮތީ ވަރުގަދަކޮށް ކަމުގެ ޔަގީންކަން ދެއްވައި އޭޝިއާ ބައްރުގައި އެންމެ ހުޅުވާލެވިފައިވާ އެންމެ ވާދަވެރި އިންވެސްޓްމަންޓް މާކެޓުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ވިދާޅުވެއްޖެ އެވެ.
ވަހީދު އެހެން ވިދާޅުވެފައި ވަނީ އެމެރިކާގެ ނިއުޔޯކުގައި ކުރިއަށް ދިޔަ މޯލްޑިވްސް ޓޫރިޒަމް އެންޑް އިންވެސްޓްމަންޓް ފޯރަމުގައި ރާއްޖޭގެ ވިލުންތެރިކަމާއި ގެންނަމުންދާ އިސްލާހީ ބަދަލުތަކާއި ދުރުރާސްތާގެ ލަނޑުދަނޑިތައް ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް އޮފީހުން ބުނީ ވަހީދުގެ ވާހަކަފުޅުގައި ގުދުރަތީ ވަސީލަތްތައް މަދު، ޖިއޮގްރަފީ ގޮތުން އެކަހެރިކޮށް އޮތް ރާއްޖެ، ދުނިޔޭގައި ނަން ހިނގާ ފަތުރުވެރިކަމުގެ މަންޒިލަކަށް ބަދަލުވެގެން ދިޔައީ، އުނދަގޫ ކަންކަން ތަހައްމަލުކޮށް، ކެތްތެރިވެ، ހާލަތާ އެއްގޮތަށް މަސައްކަތް ކޮށްގެން ކަމުގައި ވިދާޅުވި ކަމަށެވެ.
ވަހީދު ވިދާޅުވި ގޮތުގައި ވަކިން ހާއްސަކޮށް 2008 ވަނަ އަހަރުގެ މާލީ ހީނަރުކަމަށް ފަހު، ދުނިޔެއަށް އަންނަ ލޮޅުންތަކުގެ ހިރާސް ބޮޑު ގައުމެއްގެ ގޮތުގައި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ރާއްޖެ ހަވާސާކޮށްލި ކަމުގަ އެވެ. ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑު ކަމަށް ފަހު ކުރިމަތިވި ހީނަރުކަމުން ރާއްޖެ އަރައިގަތް ހަލުވި ދުވެއްޔާ އެކު، އެ ހީކުރުންތައް ބާތިލުކުރަން ޖެހުނު ކަމުގަ އެވެ.
އެއީ ހަމައެކަނި ނަސީބު ރަނގަޅުވެގެން ވީ ކަމެއް ނޫން ކަމުގައި ފާހަގަކުރައްވައި އެއީ ދިވެހީންގެ ތަފާތުކަމާއި އަޒުމުގެ ސާބިތުކަމާ އަދި ނިޔަތުގެ ސާފުކަން ދައްކުވައިދޭ ކަމެއް ކަމުގައި ވަހީދު ވިދާޅުވި އެވެ.
މާޒީގެ ކާމިޔާބީތައް ފާހަގަކުރައްވައި އެމަނިކުފާނު ވަނީ އަދުގެ ސަމާލުކަން ހާއްސަ ވަނީ މުސްތަގުބަލަށް ކަމުގައި ފާހަގަކުރައްވާފަ އެވެ. އެގޮތުން ރާއްޖޭގެ ގައުމީ ކުރިއެރުމަށް ޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ 2040 ގެ ތަސައްވުރު ހިއްސާ ކުރެއްވި އެވެ.
ވަހީދު ވިދާޅުވީ އެއީ ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުތާ 75 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް، ތަރައްގީވެފައިވާ ގައުމުތަކުގެ ދަރަޖައަށް ރާއްޖެ ގެންދިއުމަށް ރައީސް މުއިއްޒު ތައާރަފުކުރެއްވި އިސްތިރާޖެއް ކަމަށެވެ. އެ ތަސައްވުރުގެ ދަށުން އެއް ކަމަކަށް ބަރޯސާވެފައިވާ އިގުތިސޯދެއްގެ ބަދަލުގައި ވިލުންވެރި، ސިންދަފާތު ކުރެވިފައިވާ އަދި ބައިނަލްއަގުވާމީ މައިދާނުގައި ވާދަވެރި އިގުތިސޯދަކަށް ދިވެހި އިގުތިސޯދު ބަދަލު ކުރެވޭނެ ކަމަށެވެ.
ޒަމާނީ ރެގިއުލޭޓަރީ އޮނިގަނޑުގެ އެހީގައި ރާއްޖޭގައި ބައިނަލްއަގުވާމީ މާލީ މަރުކަޒެއް އުފެއްދުން ހިމެނޭ ގޮތަށް ރާއްޖޭގެ މާލީ ދާއިރާ އަލުން ބައްޓަން ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް ވެސް ވަހީދުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ. އަދި ދެމެހެއްޓެނިވި އާބަން ސެންޓަރުތައް ތަރައްގީކޮށް، އެކްސްޕޯޓް ސިނާއަތަށް ހާއްސަކޮށްގެން މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް މި ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކުގެ ތަފުސީލު ވެސް ހިއްސާކުރެއްވި އެވެ.
މި އަހަރުގެ ތެރޭގައި ރާއްޖޭގެ އިގުތިސޯދީ ކުރިއެރުން ފަސް އިންސައްތައިގައި ހުންނާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އަންދާޒާ ކުރައްވާފައިވާކަން ފާހަގަކުރައްވައި ވަހީދު ވަނީ ރާއްޖޭގެ އިގުތިސޯދު އޮތީ ވަރުގަދަކޮށް ކަމުގެ ޔަގީންކަން އިންވެސްޓަރުންނަށް ދެއްވާފަ އެވެ.
ދިގު މުއްދަތުގެ ހަމަޖެހުން ކަށަވަރުކޮށްދީ، އިތުބާރާއި ހާމަކަން ބޮޑު ގޮތެއްގައި ކަނޑައެޅިފައިވާ، އިންވެސްޓްމަންޓާ ރައްޓެހި މާހައުލެއް ބިނާކުރުމަށް މާލީ އިސްލާހުތައް ރާއްޖެއަށް ތައާރަފުކުރަމުންދާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
“އިހްތިސާސެއް ހޯއްދަވައިގެން، އެއީ ކުޑަ ނަމަވެސް މުހިންމު، އޭގެ އަގު ދެނެގަނެ، އަދި އެއާ އެކީގައި ތަރައްގީވުމަށް ހިތްވަރުދޭ އިހްތިސާސެއް ކަމުގައިވާ ނަމަ، އަޅުގަނޑުމެން މި ތިބީ ތިޔަ ބޭފުޅުންނަށް މަރުހަބާ ކިޔުމަށް ތައްޔާރަށް،” ވަހީދު ވިދާޅުވި އެވެ.
އަމާޒަކީ އިސްތިގުލާލު ރައްކާތެރިކޮށް، ކަރާމާތް ހިފެހެއްޓުމާއި އަންނަން އޮތް ޖީލުތައް ބާރުވެރިކުރުވާނެ އިގުތިސޯދެއް ބިނާކުރުން ކަމުގައި ވެސް ވިދާޅުވި އެވެ. އަދި ރާއްޖެއަކީ އޭޝިއާ ބައްރުގައި އެންމެ ހުޅުވާލެވިފައިވާ އެންމެ ވާދަވެރި އިންވެސްޓްމަންޓް މާކެޓުތަކުގެ ތެރޭގައި ހިމެނޭ މާކެޓަކަށް ވުމާ އެކު، ރާއްޖެއަކީ އިސްތިރާޖީ ގޮތުން ލިބިފައި އޮތް ފުރުސަތެއް ކަމުގައި ދުށުމަށް ވެސް ފޯރަމުގެ ބައިވެރިންނަށް ވަހީދު ގޮވާލެއްވި އެވެ.