ސަރުކާރުން ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް ޑިޖިޓަލްކުރުމަށް ސަރުކާރުން ހިންގާ “ދިވެހިރާއްޖެ 2.0” މަޝްރޫއަށް މަތީ ތައުލީމުގެ ކޯސްތައް ފުރިހަމަކޮށް ދަސްވެނިވާ ދަރިވަރުންގެ ބައިވެރިވުމަށް އުންމީދުކުރައްވާ ކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.
ސިޓީސް، ލޯކަލް ގަވަނަންސް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް މިހެން ވިދާޅުވީ، ޓެކްނޮލޮޖީގެ އެންމެ ގިނަ ކޯސްތައް ރާއްޖޭގައި ހިންގާ އެއް ކޮލެޖު ކަމަށްވާ ސައިރިކްސް ކޮލެޖުގެ ދަރިވަރުންގެ މި އަހަރު ދަސްވެނިވުމުގެ ރަސްމިއްޔާތުގަ އެވެ.
ތައުލީމީ ދާއިރާއަށް 35 އަހަރަށް ވުރެ ދިގު ހިދުމަތެއް ކުރައްވައި، ގައުމީ އިނާމު ވެސް ހާސިލްކުރައްވާފައިވާ އާދަމް ޝަރީފް ވިދާޅުވީ ސައިރިކްސް ކޮލެޖަކީ ރާއްޖެއަށް ޓެކްނޮލޮޖީ އާންމު ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އިލްމީ ބިނާއެއް ކަމަށެވެ.
އެ ކޮލެޖުން މާސްޓާސް ޑިގްރީގެ ސައިބާ ސެކުރިޓީ ކޯހެއް މުޅިން އަލަށް ފަރުމާކޮށް، އެ ކޯހުގެ ފުރަތަމަ ބެޗުގެ ދަރިވަރުން މިދިޔަ އަހަރު ފުރިހަމަކުރި ކަން ވެސް މިނިސްޓަރު އާދަމް ޝަރީފް ފާހަގަކުރެއްވި އެވެ.
“މިއީ، ބަވަނަ ވަމުންދާ ދުނިޔޭގައި ދިވެހިން ފައިހަމަ ކުރުމަށް ޓަކައި ބޭނުންވާ ޓެކްނޮލޮޖީގެ މައުލޫމާތު ފޯރުކޮށްދިނުމަށް މިހާރު ވެސް ސައިރިކްސް ކޮލެޖުން އަމާޒު ހިފާފައިވާކަން ހާމަވާ ކަމެއް،” އާދަމް ޝަރީފް ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އާދަމް ޝަރީފް ވިދާޅުވީ ޓެކްނޮލޮޖީގެ ރޮނގުން ރާއްޖޭން ކުރިއެރުންތަކެއް ވެސް ހޯދާފައިވާ ކަމަށެވެ. ކޮންމެ ރަށެއްގައި ވެސް އިންޓަނެޓްގެ ހިދުމަތާއި ކޮންމެ މީހަކު ވެސް ފޯނު ގެންގުޅޭކަން ފާހަގަކުރެއްވި އެވެ.
ނަމަވެސް ދައުލަތުގެ އިދާރާތަކުން ހިދުމަތް ފޯރުކޮށްދިނުމުގައި އަދިވެސް ޓެކްނޮލޮޖީގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ނުހިފޭ ކަމަށް ވެސް، އުމުރުން އެންމެ 16 އަަހަރުން ފެށިގެން ދައުލަތުގެ ހިދުމަތުގައި ދެމިހުންނެވި އާދަމް ޝަރީފް ވިދާޅުވި އެވެ.
“އެއް ކަމެއް ކުރުމަށް ޓަކައި، އެއް ޚިދުމަތެއް ހޯދުމަށް ޓަކައި ދައުލަތުގެ ބައެއް މުއައްސަސާތަކަށް އެއް ލިޔުމެއް އެތައް ފަހަރަކު ހުށަހަޅަން ޖެހޭ ފަހަރު މަދެއް ނޫން. އެންމެ ކުޑަމިނުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަތުގައި ނެތިއްޔާ ޓެކްނޮލޮޖީގެ މި ޒަމާނުގައި ނުލިބޭ ޚިދުމަތްތައް އެބަހުރި،”
“ޑޮކްޓަރަށް ދައްކާފައި އެއް ހޮސްޕިޓަލުން ހަދާ ޓެސްޓްތަކުގެ ނަތީޖާ ބޮޑު ފައިލެއްގައި ދެވަނަ ހޮސްޕިޓަލަކަށް ނުގެންގޮސްވާނެގޮތެއް އަދި ނެތް،” ވެރިކަންކުރާ ޕީއެންސީގެ ނައިބު ރައީސެއްގެ ގޮތުގައި ވެސް ހުންނެވި އާދަމް ޝަރީފް ވިދާޅުވި އެވެ.
ސަރުކާރުން ދުރު ރާސްތާއަށް އަމާޒުހިފުމުގެ ގޮތުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ދެ މަސައްކަތެއް ފެއްޓެވީ ވެސް އެ ކަންކަން ބަދަލުކޮށް ދިވެހި ރައްޔިތުންނަށް ހިދުމަތް ލިބުމުގައި ލުއިފަސޭހަކަން ހޯދުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ އިޝާރާތްކުރެއްވީ ސަރުކާރުން މިހާރު އެކުލަވާލުމަށް މަސައްކަތްކުރަމުންދާ 20 އަަހަރު ދުވަހުގެ ތަރައްގީގެ ޕްލޭންއާއި ސަރުކާރުގެ ހިދުމަތްތައް ޑިޖިޓަލް ކުރުމަށް މިހާރު ފަށާފައިވާ “މޯލްޑިވްސް (ދިވެހިރާއްޖެ) 2.0” މަޝްރޫއެވެ.
“މިއީ ދިވެހިންގެ މުޅި ދިރިއުޅުމަށް ޓެކްނޮލޮޖީގެ ސަބަބުން ހެޔޮ ބަދަލުތަކެއް ގެނުވާނެ މަޝްރޫޢެއް. ހިންގުމުގެ ދާއިރާގެ ދުވެލި ހަލުއިކޮށް، ވަގުތު ސަލާމަތް ވާނެ ގޮތަކަށް މަސައްކަތްތައް ތަރުތީބު ކުރުމަށް ފުރުޞަތު ފަހިވެގެންދާނެ މަޝްރޫއެއް،” މިނިސްޓަރު ވިދާޅުވި އެވެ.
“ސަރުކާރުގެ އޮފީސްތައް ޑިޖިޓަލް ކުރެވި، ޚިދުމަތްތައް ރައްޔިތުން ތިބި ތަނެއްގައި ތިބެގެން ލިބުމަށް މަގުފަހިކޮށްދޭނެ މަޝްރޫޢެއް، މުހިންމު ކަންކަން ނިންމުމުގައި މަސްނޫއީ ސިކުނޑިތަކުން ކުރާ މަސައްކަތް އިތުރު ކުރެވޭނެ މަޝްރޫޢެއް، ކޮރަޕްޝަން މަދުކުރުމަށް އެހިތެރިވެދޭނެ މަޝްރޫޢެއް،” އިތުރަށް ވިދާޅުވި އެވެ.
ކޮމްޕިއުޓާ ޓްރެއިނިން ސެންޓަރަކުން ޓެކްނޮލޮޖީގެ ބޮޑެތި ކޯސްތައް ހިންގާ ކޮލެޖަކަށް މިހާރު ވެފައިވާ ސައިރިކްސް ކޮލެޖުގެ ދަސްވެނިންއަށް މިނިސްޓަރު ދެއްވި އެއް އިލްތިމާސަކީ ހޯއްދެވި އިލްމުގެ ބޭނުން، ވަޒީފާގެ މާހައުލުގައާއި ދިރިއުޅުމުގައި ވެސް ބޭނުން ކުރުމަށެވެ.
އަދި ހިދުމަތްތައް ޑިޖިޓަލް ކުރުމަށް ސަރުކާރުން އިފްތިތާހުކޮށްފައިވާ މަޝްރޫއުގައި ވެސް ދަސްވެނިވިންގެ ބައިވެރިވުމާއި ޝާމިލްވުން އިތުރުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
“ރާއްޖޭގެ 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭނާއި އަދި މޯލްޑިވްސް 2.0 ގައި ތިޔަ ދަސްވެނިންގެ ބައިވެރިވުމާއި ޝާމިލުވުން އިތުރުވާނެކަމަށް އަޅުގަނޑު އުންމީދު ކުރަން،” އާދަމް ޝަރީފް ވިދާޅުވި އެވެ.