ރާއްޖެ އާއި މެލޭޝިއާ އާ ދެމެދު ފަސް ދާއިރާއަކުން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި އެވެ.
އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމުގެ ދައުވަތަކަށް މިހާރު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ޕުޓުރާޖާޔާގައި ހުންނަ ބޮޑުވަޒީރުގެ އޮފީހުގައި ކުރިއަށް ގެންދެވި ރަސްމީ މަޝްވަރާތަކަށް ފަހުގައި ރާއްޖެ އާއި މެލޭޝިއާ އާ ދެމެދު ފަސް ދާއިރާއަކުން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފަ އެވެ.
ދެ ގައުމުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުންތަކަކީ:
- ދެ ގައުމުގެ ގުޅުން ބަދަހިކުރަން މަޝްވަރާކުރުން – ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަރްޔަމް ޝަބީނާ. މެލޭޝިއާގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ދަތުކް މުހައްމަދު އަލާމިން.
- ހާރިޖީ ދާއިރާއިން މުވައްޒަފުން ތަމްރީނުކުރުން – ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަރްޔަމް ޝަބީނާ. މެލޭޝިއާގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ދަތުކް މުހައްމަދު އަލާމިން.
- ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން – ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަރްޔަމް ޝަބީނާ. މެލޭޝިއާގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ތުއާން ހައިރުލް ފިރްދައުސް އަކްބަރު ހާން.
- ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރުން – ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް. މެލޭޝިއާގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ގައުމުގެ ހެލްތު މިނިސްޓަރު ޑރ. ޒުލްކެފްލީ އަހްމަދު.
- ކުޅިވަރުގެ ދާއިރާ ކުރިއެރުވުން – ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް. މެލޭޝިއާގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ގައުމުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ޕުއަން ހަނާ ޔޭ.
H.E. President Dr @MMuizzu, witnesses the Exchange of various Memoranda of Understanding (MOU), Exchange of Notes (EON) between the Government of Republic of Maldives and the Government of Malaysia. A total of 5 including 3 MOUs and 2 EON was exchanged during the event. pic.twitter.com/ThnnlmSw8Y
— The President's Office (@presidencymv) April 28, 2025
އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިތުރުން ރައީސް އާއި ބޮޑުވަޒީރު ވަނީ ގުޅިފައިވާ ޖޮއިންޓް ސްޓޭޓްމަންޓެއް ދެއްވާފަ އެވެ. ސްޓޭޓްމަންޓުގައި އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުން ދިނުމުގެ މައްޗަށް އަލިއަޅުވާލާފައިވެ އެވެ. ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކުގައި އެކުގައި މަސައްކަތް ކުރުމަށާއި ގުޅުން ބަދަހި ކުރެވޭނެ އިތުރު ގޮތްތައް ހޯދުމަށް މަސައްކަތް ކުރާނެ ކަމުގައި ފާހަގަކުރި އެވެ.
ރައީސް ވަނީ އެއްބަސްވުންތަކަކީ ގުޅުން އިތުރަށް ހަރުދަނާ ކުރަން އެޅޭ ބިންގަލެއްގެ ގޮތުގައި ސިފަކުރައްވައި އެކި ދާއިރާތަކުން މެލޭޝިއާ އާއެކު މަސައްކަތް ކުރަން ބޭނުންފުޅުވާކަން ހާމަކުރައްވާފަ އެވެ.
ރައީސް ވަނީ މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަޑައިގެންނެވުމަށް ދައުވަތު ވެސް އަރުއްވާފަ އެވެ.
ތިން ދުވަހަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.