ބްލޫ ޕްލެނެޓް އެލަޔަންސް (ބީޕީއޭ) ގެ ރަސްމީ މެމްބަރެއްގެ ގޮތުގައި ރާއްޖެ ބަލައިގަނެ، އެ އިއްތިހާދާއެކު ދިވެހި ސަރުކާރުން ހޯމަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ހަވާއީގެ ހޮނޮލޫލޫގައި ކުރިއަށްދާ ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމްގެ ހަވާސާގަ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ. ބްލޫ ޕްލެނެޓް އެލަޔަންސްގެ ފަރާތުން ސޮއިކުރެއްވީ އެ އިއްތިހާދުގެ ބާނީ، ހޭންކް ރޮޖާޒް އެވެ.
އިއާދަކުރަނިވި ހަކަތައިގެ މުހިންމުކަން ފާހަގަކުރައްވައި، ދެމެހެއްޓެނިވި ތަރައްގީގެ އޮނިގަނޑުގެ ތެރެއިން އިއާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލްވުމަށް ރާއްޖެއިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން، ބްލޫ ޕްލެނެޓް ކްލައިމެޓް އެގްރީމަންޓް”ގައި ދީފައިވެ އެވެ.
އަދި ބްލޫ ޕްލެނެޓް އެލަޔަންސްގެ ރަސްމީ މެމްބަރެއްގެ ގޮތުގައި ރާއްޖެ ބަލައިގަނެ، އިއާދަކުރަނިވި ހަކަތަ ކުރިއަރުވައި ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށްވެސް މި އެއްބަސްވުން ގޮވާލަ އެވެ.
ނައިބު ރައީސް، އެމެރިކާގެ ހަވާއީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ، ބްލޫ ޕްލެނެޓް އެލަޔަންސްގެ ހާއްސަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ހަވާއީގައި މިހާރު ކުރިއަށްދާ ބީޕީއޭ ފެލޯޝިޕް ޕްރޮގްރާމްގައި ސަރުކާރުގެ އޮފީސްތަކާއި ޔުޓިލިޓީ ކުންފުނިތަކާއި މަދަނީ ޖަމިއްޔާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވަ އެވެ.