ރާއްޖޭގެ ސިޔާސީ ހަމަޖެހުމާއި ހުނަރުވެރި ފަންނީ ޒުވާން އާބާދީގެ ނިސްބަތް ބޮޑުވުމަކީ ރާއްޖެއަށް އިންވެސްޓްކުރަންވީ ސަބަބެއް ކަމަށް ބިޒްނަސް ފޯރަމްގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިނގިރޭސިވިލާތަށް އެމަނިކުފާނު ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބިޒްނަސް ފޯރަމުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ހުށަހެޅުއްވީ މަސްވެރިކަމުގެ ދާއިރާ، ކްރިއެޓިވް އިކޮނޮމިކް ދާއިރާ، ޑިޖިޓަލް ދާއިރާ، ޓޫރިޒަމް އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖެއަށް އިންވެސްޓް ކުރުމަށެވެ.
ރާއްޖެއަށް އިންވެސްޓް ކުރަން ޖެހޭ ވަރަށް ގިނަ ސަބަބުތަކެއް އެބަ އޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ރާއްޖޭން ފޯރުކޮށްދެނީ ސިޔާސީ ހަމަޖެހުން އޮތް ގައުމެއް، ބަދަލު ގެނައުމުގެ ސާފު ތަސައްވުރެއް އޮތް ގައުމެއް ކަމަށެވެ. އޭޝިއާ، އެފްރިކާ އަދި މެދުއިރުމަތީގެ މެދުގައި އޮންނަ ސްޓްރެޓެޖިކް ލޮކޭޝަނެއް އަދި ހުނަރާއި ފަންނު އިތުރުވަމުންދާ ޒުވާން އާބާދީއެއް އޮތް ގައުމަކަށް ވުމެވެ.
އަދި މިހާރު، ވަރަށް ޒަމާނީ އިންވެސްޓްމަންޓް ފްރޭމްވޯކެއް ރާއްޖޭގައި އޮތުމަކީ ވެސް އިންވެސްޓްކުރަން ޖެހޭ ސަބަބެއް ކަމަށް ރައީސް ވިދާޅުވި އެވެ.