ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މެލޭޝިޔާ އަށް މިއަދު ފުރާވަޑައިގެންފި އެވެ.
މެލޭޝިޔާގެ ބޮޑު އަންވަރު އިބްރާހިމް ދައުވަތަކަށް ރައީސް، މެލޭޝިޔާއަށް ވަޑައިގެންނެވީ މިއަދު ހެނދުނު އެވެ.
ތިން ދުވަހަށް ރައީސް ކުރައްވާ އެ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މިއީ އެ މަނިކުފާނު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގެ އަމާޒަކީ، ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ދަތުރުފުޅުގައި ރައީސް މުއިއްޒު މެލޭޝިއާގެ ބޮޑުވަޒީރުއާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވާނެ އެވެ. އަދި އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުންދިނުމުގެ މައްޗަށް މަޝްވަރާކުރައްވައި، ސަރަޙައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކާމެދު ހިޔާލުބަދަލުކުރައްވައި، ދެ ގައުމުގެ ބައިވެރިވުން އިތުރުކުރެއްވޭނޭ އިތުރު މަގުތައް ހޯއްދެވުމާމެދު މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން އިތުރަށް ބުނި ގޮތުގައި އެ ދަތުރުފުޅުގައި
- ދެ ގައުމުގެ ލީޑަރުންގެ ހާޒިރުގައި މުހިންމު ދާއިރާތަކުން އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރައްވައި، ނޯޓް އެކްސްޗޭންޖްތައް ކުރިއަށްގެންދާނެ
- އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކުރާ ބިޒްނަސް ފޯރަމްގައި ރައީސް ބައިވެރިވެލައްވާނެ
- މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާއަށް ޒިޔާރަތްކުރައްވައި އެ ޔުނިވަރސިޓީގައި ރައީސް ދަރުހެއް ދެއްވާނެ
- މެލޭޝިއާގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރައްވާނެ