އަވަހާރަވި ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނެވި ސަފީރު އަދި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ހަސަން ސޯބިރު ރަސްމީ އިއްޒަތުގައި މިއަދު ފަސްދާނުލައިފި އެވެ.
އާލަސްކަންފުޅުގައި އުޅުއްވަނިކޮށް ސޯބިރު އަވަހާރަވީ މިއަދު ހެނދުނު އެވެ. ސޯބިރުއަށް ނިޝާން އިއްޒުއްދީންގެ ޝަރަފް ރޭ އެރުވި އިރު އެއާ ހަވާލުވީ ވެސް އޭނާގެ ދަރިކަނބަލުން އައިޝަތު ރާނިޔާ ސާބިރު އެވެ.
ރަސްމީ އިއްޒަތުގައި ސޯބިރު މިއަދު އަސަރު ނަމާދަށް ފަހު ފަސްދާނުލީ ގަލޮޅު ސަހަރާގަ އެވެ.
ސޯބިރު ވަނީ ގައުމީ ހިދުމަތުގެ ދިގު ތާރީހުގައި ވަނީ، ދިވެހި ގައުމުގެ އިގުތިސާދާ ބެހޭ ހުރިހާ ދާއިރާއެއްގައި ހިދުމަތްކުރައްވާފަ އެވެ.
އެ ދާއިރާތަކުގެ ތެރޭގައި، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަން ހިމެނެއެވެ. އަދި، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ރޭއްވެވުމާއި ހިންގެވުމުގައްޔާއި، ޚާރިޖީ ދާއިރާގައިވެސް އެ މަނިކުފާނު ވަނީ އަގުހުރި ހިދުމަތްތަކެއް ކުރައްވާފަ އެވެ.
ސޯބިރު ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަން ފެށްޓެވީ، 1973 ވަނަ އަހަރުގައެވެ.