
ރަސްމާލެ ނަމުގައި އިކޯ ފްރެންޑްލީ އާބަން ސިޓީއެއް ތަރައްގީ ކުރުމަށް ފުށިދިއްގަރުފަޅުން 215 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއްގެ ބިން ހިއްކައިފި އެވެ.
އެޗްޑީސީން މިއަދު ބުނީ ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 215 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާއިރު، މި މަޝްރޫއުގެ މަސައްކަތްތައް މިހާރު ހަލުވިކަމާއިއެކު ކުރިއަށްދާ ކަމަށެވެ.
ރަސްމާލެ ހިއްކަން ފެށީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެ މަޝްރޫއުގެ ދަށުން 1153 ހެކްޓަރު ހިއްކަން ނިންމާފައިވެ އެވެ.
ރަސްމާލެ ހިއްކުން ހަލުވިކަން ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ވެސް ގެނެސްފަ އެވެ. އެ ތަނުން 25,000 މީހުނަށް ގެދޮރު ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ހައުސިން މިނިސްޓްރީން މި ފަހުން ވަނީ 15,000 ގޯތި ދޫކުރަން އިއުލާންކޮށްފަ އެވެ.

