ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްޤީ ގެނެވޭނީ ރައްޔިތުންނާއި ގާތަށް ގޮސްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވިއިރު، ވެރިކަމުގެ މިދައުރު ތެރޭގައި ކޮންމެ ރަށަކަށް ދެ ފަހަރަށް ވަޑައިގެންނެވުމަކީ އެމަނިކުފާނުގެ ވަޢުދުކެވެ.
މިލަދުންމަޑުލު އުތުރުބުރީގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ނޫމަރާއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ އެމަނިކުފާނު ވަނީ އެ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭ ގޮތުންނާއި، ރަށުގައި ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އަދާހަމަތައް ހިއްސާކޮށްދެއްވާފައެވެ.
ސަރުކާރުގެ ސިޔާސަތަކީ ތަފާތުކުރުމެއް ނެތި ހުރިހާ ރަށަކަށްވެސް ކަންކަން ކޮށްދިނުން ކަމަށާއި، މިއާއެކު، ރައޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން އެމެނިކުފާނު ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލޭގައި ހުރެގެން ކަންކަން ކުރުމުގެ ފުރުޞަތުވެސް އެމަނިކުފާނަށް އެހެން ރައީސުންނެކޭ އެއްގޮތަށް ލިބިފައި އޮންނަ ކަމަށާއި، ނަމަވެސް އެއީ އެމަނިކުފާނު ކަންކުރައްވާނެ ގޮތެއްނޫން ކަމަށެވެ. ރައްޔިތުންނާއި ގާތަށް ދައުރުގެ ތެރޭގައި ދެފަހަރު ވަޑައިގަތުމަކީ އެމަނިކުފާނު ރިޔާސީ ވަޢުދެއްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިގޮތަށް ރައްޔިތުން ގާތަށް ދިއުމުން ރައްޔިތުންގެ ކަންބޮޑުވުންތައް ރަނގަޅަށް އެނގި، ކަންކަން ހައްލުކޮށްދިނުމަށް މަސައްކަތްތައް ފަސޭހައިން ރާވާލެވޭ ކަމަށެވެ.
“މިހާރު މިތަނަށް ކަމާބެހޭ ހުރިހާ މިނިސްޓަރުންނާއި އެމްޑީން ގޮވައިގެން އައިސް ހުރިހާ ކަމެއް އެއްވަގުތެއްގައި އެއްމޭޒެއްގެ ދަށުން، އެއް މީޓިން އަކުން ހައްލުކޮށްދީ. ސްކޫލު ކަމަށްވިޔަސް ފެނަކަ ކަމަށްވިޔަސް، ޑަބްލިއުޑީސީވިޔަސް ކައުންސިލްވިޔަސް އަދި އެހެން މުޢައްސަސާއެއް ވިޔަސް ހުރިހާ ބައްދަލުވުމެއް، އެއް ބައްދަލުވުމެއްގައި ހިނގަނީ. މިއީ ނޫންތޯ ހަޤީޤީ ލާމަރުކަޒީ ނިޒާމަކީ. އަޅުގަނޑުމެން ވެރިކަން ކުރަނީ އެގޮތަށް. ރައްޔިތުން ގާތަށް އައިސް ރައްޔިތުން ކަންކަން އަޑުއަހައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ބައްޓަން ކުރަނީ” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީގެ ކުރިން އޮންނަ ގޮތުން، ކައުންސިލްތަކުން ވުޒާރާތަކަށް ދިއުމަށާއި އެކި ކަންކަމުގައި މާލެދާން ޖެހުނު ނަމަވެސް އެކަމަށް ގިނަ ވަގުތު ހޭދަވެ، ބޮޑު ޚަރަދެއް ހިނގާ ކަމަށެވެ. ނަމަވެސް މިހާރު އެމަނިކުފާނާއި އެކު ވަޑައިގަންނަވާ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން މެދުވެރިކޮށް ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލު ހޯދައި ދެވޭކަމަށެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ދައުރު ތެރޭގައި ދެފަހަރު ދިއުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދަކަށްވާއިރު، މިހާތަނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ހުރިހާ ރަށްރަށުގެ ހުރިހާ ކައުންސިލަކާއިވެސް މަދުވެގެން އެއް ފަހަރު ބައްދަލު ކުރައްވާފައެވެ. އަދި ބައެއް ކައުންސިލްތަކާއި ދެފަހަރުވެސް ބައްދަލުކުރައްވާފައިވެއެވެ.