
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން އިންތިހާބުތައް އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ނެގުނު ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއިން ސަރުކާރުގެ މިސްރާބު ސާފުވެއްޖެކަމަށާއި، ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެއްވުމުގައި ސަރުކާރު ދެމިއޮންނާނެކަމުގެ ޔަގީންކަން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރު އަދި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ލީޑަރު އަޙްމަދު ޝިޔާމް ދެއްވައިފިއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ބަޔާންކުރައްވާފައިވާ ގޮތުން، އިންތިހާބެއްގެ ނަތީޖާއަކީ ކަންކަން އިސްލާހުކޮށް، ފުންކޮށް ވިސްނުމަށް ހުޅުވިގެންދާ މުހިންމު ދޮރެކެވެ. މީގެ އިތުރުން، ރައްޔިތުން އެދޭ ގޮތަށް ކަންކަން ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާ ޔަގީންކަމަށް އިޝާރާތްކުރައްވައި، އެމަނިކުފާނު ދައްކަވައިދެއްވީ ޑިމޮކްރަސީގެ ވަރަށް ފުރިހަމަ ނަމޫނާއެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ސިޔާސީ ޕާޓީއެއްގެ އެންމެ މުހިއްމު މަޤްޞަދުތަކުގެ ތެރޭގައި އިންތިޚާބުތަކުގައި ބައިވެރިވުމާއި، ބައިވެރިވާ އިންތިޚާބުތައް ކާމިޔާބުކުރުން ހިމެނޭ. އިންތިޚާބުތައް ކާމިޔާބުވުމުގައި އަދި ނާކާމިޔާބުވުމުގައި ވަރަށް ގިނަ ސަބަބުތައް އެކުލެވޭ. އިންތިޚާބުތަކުގެ ނަތީޖާތަކަކީ އަބަދުވެސް ކަންކަމާ…
— Ahmed Shiyam (@Shiyamaldives) April 5, 2026
ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު އެއް އަމާޒަކީ އިންތިހާބުތަކުގައި ވާދަކޮށް ކާމިޔާބީ ހޯދުންކަން ފާހަގަކުރައްވަމުން، އިންތިހާބަކުން މޮޅުވުމާއި ބަލިވުމުގައި ތަފާތު ސަބަބުތައް އެކުލެވިގެންވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީއަކީ މުސްތަގުބަލަށް އަމާޒުހިފައިގެން ކުރިއަށްދާ ޕާޓީއެއްކަމާއި، ނިމިދިޔަ އިންތިހާބަކީ ކުރިއަށް އޮތް ތަނުގައި އަމަލުކުރަންވީ ގޮތްތައް މަގުދައްކައިދިން މުހިންމު ހަރަކާތެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.
މި ފުރުސަތުގައި، އިންތިހާބުން ކާމިޔާބު ހޯދި ފަރާތްތަކަށް މަރުހަބާ ކިޔުމާއެކު، ނާކާމިޔާބުވި ކެންޑިޑޭޓުންގެ ހިތްވަރަށް ވަޒީރު ވަނީ ތައުރީފުކުރައްވާފައެވެ. އޭގެ އިތުރުން، ކެމްޕެއިންގެ ތެރެއިން ރައީސް މުޢިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ދެއްކެވި ހިތްވަރާއި ނަމޫނާއަށް ޝުކުރުއަދާކުރައްވައި، އިންތިހާބުގެ ކަންކަން ފުރިހަމަކުރުމުގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝިޔާމް ވަނީ ޝުކުރު ދަންނަވާފައެވެ.

