މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލް (21އ) ބަންދުކުރި އަމުރެއް ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ރައުދުގެ ވަކީލު “ދެން”އަށް ވިދާޅުވި ގޮތުގައި ހައި ކޯޓުގައި އިސްތިއުނާފްކުރީ މި މަހުގެ 10 ވަނަ ދުވަހު ނެރުނު ފަސް ދުވަހުގެ ބަންދު އަމުރެވެ. މިދިޔަ ހަފުތާގައި އެ އަމުރު އިސްތިއުނާފުކުރި އެވެ. އަދި މިއަދު އެ މައްސަލަ ކޯޓުގައި ރަޖިސްޓްރީކޮށްދިން ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައުދު 20 ދުވަހަށް ބަންދުކުރަން ނެރުނު އަމުރު ވެސް އިސްތިއުނާފުކުރަން މަސައްކަތްކުރަމުންދާކަމަށް ވަކީލު ވިދާޅުވި އެވެ.
ހ. މިޓާޒު ގޭގެ ފުރާޅުމަތީގައި ޔުމްނު އޮއްވާ ފެނިފައި ވަނީ އެޕްރީލު މަހުގެ 18 ވީ ހުކުރު ދުވަހުގެ ހެނދުނު އެވެ. ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި ވަނީ ޖެހިގެން ހުރި ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭނާ ވެއްޓުމުގެ ކުރިން، ފެންޓެނޯއީގޭގެ ސިޑިމަތީގައި ރައުދު އާއެކު އުޅުނު ވީޑިއޯއެއް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
މައްސަލަ އާ ގުޅިގެން ރައުދު ހައްޔަރުކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން މިދިޔަ އެޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ.
ފުލުހުން ފުރަތަމަ ބުނެފައިވާ ގޮތުގައި ޔުމްނު ވެއްޓުމުގައި ރައުދު ނުވަތަ އެހެން މީހެއްގެ ބައިވެރިވުން ނެތް ކަމުގަ އެވެ. އެހެންނަމަވެސް އަލުން ރައުދު ހައްޔަރުކޮށްފައި ވަނީ މައްސަލައިގެ ތަހުގީގަށް އޭނާ އެއްބާރުލުން ދެމުން ނުދާކަން ފާހަަގަކޮށެވެ.
ރައުދުގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރި ދެވަނަ ކޯޓު އަމުރުގައިވާ ގޮތުން ފެންޓެނޯއީގޭގައި އުޅުމުގެ ތެރޭގައި ޔުމްނު އާއި ރައުދު އާ ދެެމެދު “ހަމަނުޖެހުމެއް” ހިނގި އެވެ. އެކަމަކު އެއީ ކޮންކަމަކާ ގުޅިގެން ކަމެއް ކޯޓު އަމުރުން އެނގޭކަށް ނެތެވެ.
ޔުމްނު ވެއްޓުނު ރޭ މއ. މާންދޫގޭދެކުނުގެއަށް ދިޔަ އެވެ. އެ ގެއަށް ދިޔަ މީހުންނާއި އޭނާ އާއެކު އުޅުނު މީހުން ދެނެގަނެ، އެ މީހުންގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ.