މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި ހައްޔަރުކުރި ރައުދު އަހްމަދު ޒިލާލު ފުރި ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި އެވެ.
އެ މައްސަލައިގައި ރައުދުގެ ޕާސްޕޯޓު ހިފަހައްޓައި ރައުދުގެ މައްޗަށް ދައުވާ ވެސް ކޮށްފައިވާއިރު, ރައުދު އޭނާގެ އާއިލާ އާއެކު ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ބުނެ އާއިލާ އާއެކު އެއާޕޯޓުގައި ތިބި މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އެ ވާހަކަތަކާ ގުޅިގެން ފުލުހުން މީޑިއާތަކާ މިއަދު ހިއްސާކުރި މެސެޖުގައި ބުނީ ރައުދު ބޭރަށް ފުރާފައިވާ ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އަދި ރައުދު ފުރުން މަނާކުރުމުގެ އަމުރު އަދިވެސް އެބައޮތް ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ އެޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޒަހަމްތަކަކާ އެކު ޔުމްނު ފުރާޅުމަތީގައި އޮއްވައި ފެނުނު މައްސަލަ އާ ގުޅިގެން ރައުދު ހައްޔަރުކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އެޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ.
ރައުދަށް ދައުވާ ކޮށްދިނުމަށް ފުލުހުން މައްސަލަ ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.
ޕީޖީ އޮފީހުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
ޕީޖީ އޮފީހުން ބުނެފައި ވަނީ މައްސަލަ އާ ގުޅިގެން ރައުދުއަށް ދައުވާ ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ ކަމަށެވެ. އެ ދައުވާގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.
ރައުދުގެ މައްޗަށް ދައުވާ ކުރާ ސަބަބެއް ކަމަށް އެ އޮފީހުން ބުނީ ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެންލައިޓުން 18 އެޕްރީލުގެ ފަތިހު 4:54 ހާއިރު، ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިވެދީފައި ނުވާތީ ކަމަށެވެ. އަދި ޔުމްނުއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާތީ ކަމަށެވެ.