
މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ކުރީ ސަރުކާރުން ފަށައިފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި އެ މަސައްކަތް އަވަހަށް ނިންމުމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވައިލައްވައިފިއެވެ.
މިއަދު ފާހަގަކުރާ މަސްވެރީންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވަނީ މަސްވެރީންގެ ދުވަހުގެ ތަހުނިޔާ މަސްވެރީންނަށާއި އެ މީހުންގެ އާއިލާތަކަށް ރައްދުކުރައްވައިފައެވެ. އެއާ އެކު ވިދާޅުވީ ކުރީ ސަރުކާރުން ފެށި މަސްވެރިކަމުގެ މަޝްރޫއުތަކަކީ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގިނަކަންތައްތަކަށް ރަނގަޅު ބަދަލުތަކެއް ގެނެސްދޭނެ މަޝްރޫޢުތަކެއް ކަމަށެވެ. އެހެންކަމާ އެކު އެ ކަންކަން އަވަހަށް ނިންމުމަށް ޞާލިޙް ވަނީ އިލްތިމާސް ކުރައްވައިފައެވެ. ނަމަވެސް އެއީ ކޮން މަޝްރޫޢުތަކެއްކަން ފާހަގައެއް ނުކުރައްވައެވެ.
ރައީސް ޞާލިޙްގެ ވެރިކަމުގައި، ބައެއް ރަށްރަށުގައި އައިސްޕްލާޓުތައް ތަރައްޤީކުރުމުގެ މަސައްކަތް ފަށާއިފައިވެއެވެ. އަދި މަސްވެރިންނަށް ދޭންޖެހޭ ގިނަ ޢަދަދެއްގެ ފައިސާ ނުދީ އޮއްވައި ރިޔާސީ އިންތިޚާބުގެ ކެންޕޭންގައި މަހުގެ އަގު ވަނީ ބޮޑު ކުރައްވައިފައެވެ.
ހަމަ އެހެންމެ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް ރަށްރަށުގެ އިންޖީނުގެތަކަށް ވަރަށް ގިނަ ޢަދަދެއްގެ މަސްވެރީން ވަނީ މުވައްޒަފުންގެ ގޮތުގައި ނަގައިފައެވެ. ރައީސް ޞާލިޙާ ވާދަކުރެއްވި ރައީސް ނަޝީދު އެއިރު ވިދާޅުވެފައި ވަނީ ދެހާހަށް ވުރެ ގިނަ މީހުން އެ ދުވަސްވަރު ފެނަކައަށް ނަގައިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ރަށްރަށުން މަސްވެރިކަން އުވި ދޯނިތައް ފަޅުގައި އަޅައިފައިވާ ކަމަށެވެ.

