
ރައީސް ޑރ. މުހައްމަދު މުއިއްޒު، ދަތުރުފުޅެއްގައި މިއަދު ޖަރުމަނަށް ވަޑައިގެންފިއެވެ.
ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓާ ސްޓައިންމަޔާގެ ދައުވަތަކަށް ރައީސް އެ ގައުމަށް ފުރާވަޑައިގަތީ 4 ދުވަހުގެ ދަތުރުފުޅަކަށެވެ. މި ދަތުރުފުޅުގައި އެގައުމުގެ ރައީސްގެ އިތުރުން، އެގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، މަތީ ފަންތީގެ މަޝްވަރާތައް ކުރައްވާނެއެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގެ ބައެއްގެ ގޮތުގައި، ބާލިންގައި ހުންނަ ހަމްބޮލްޓް ޔުނިވާސިޓީއަށް ވަޑައިގެން “މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ” ހިއްސާކުރައްވައި، އެ ޔުނިވާސިޓީގައި އެމަނިކުފާނު ތަގުރީރު ކުރައްވާނެ ކަމަށެވެ. އަދި ޖާމަން ކައުންސިލް ފޯ ފޮރިން ރިލޭޝަންސްއަށް ޒިޔާރަތްކުރައްވައި، އެމަނިކުފާނު ތަގުރީރު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ މި ދަތުރުފުޅުގައި، އެ ގައުމުގައި ބިޒްނަސް ފޯރަމެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ބިޒްނަސް ފޯރަމުގައި ދެ ގައުމުގެ ވިޔަފާރިވެރިން ބައިވެރިވެވަޑައިގެން، ރާއްޖޭގައި ވިޔަފާރިއާ އިންވެސްޓްމަންޓްތަކަށް ހުރި ފުރުސަތުތަކުގެ ތަފްސީލު ދޭނެއެވެ.
ރައީސްގެ އަރިހުގައި ސަރުކާރުގެ އިސްވެރިންގެ އިތުރުން ދިވެހި ބައެއް ވިޔަފާރިވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

