
ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑޫއާއި ފުވައްމުލަކު ސިޓީއަށް ވަޑައިގަންނަވަ ގޮތަށް ހަމަޖެހިއްޖެ އެެވެ.
“ދެން” އަށް އެނގިފައިވާ ގޮތުން ރައީސް މުއިއްޒު އައްޑޫއާއި ފުވައްމުލަކަށް ވަޑައިގަންނަވާ ދަތުރުފުޅު ފައްޓަވާނީ އަންނަ އަންގާރަ ދުވަހު އެވެ.
އެމަނިކުފާނު އައްޑޫއަށް ވަޑައިގަންނަވަނީ ގުޅިފައިވާ އައްޑޫ ސިޓީގެ ރަށްތަކުގައި ވަކިވަކި ކައުންސިލްތައް ހަދަން ފެންނަ ނުފެންނަ ވޯޓެއް ނެގިތާ ކުޑަދުވަސްކޮޅެއް ފަހުން ނެވެ.
މިދިަ މަހުގެ 25 ވަނަ ދުވަހު ނެގި އެ ވޯޓުގައި ވަނީ ހުޅުދޫއާއި މީދޫގައި ވަކި ކައުންސިލްއެއް އުފައްދަން ބޮޑު ތަނުން ތާއިދު ލިބިފަ އެވެ. ނަމަވެސް ފޭދޫއިން ވޯޓު ދިނީ ވަކި ނުވުމަށެވެ.
ރައީސް މުއިއްޒު މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ވެސް އައްޑޫއަށް ވަޑައިގެންނެވި އެވެ.
ބެލެވޭ ގޮތުން މި ފަހަރުގެ ދަތުރުފުޅުގައި އައްޑޫގައި އަޅާ ބުރިޖާ ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާނެ އެވެ.
ރައީސް މުއިއްޒު ރާއްޖޭގެ ރަށްތަަކަށް ދަތުރުފުޅުކުރައްވަމުން ގެންދަވާ އިރު މިދިޔަ މަހުގެ 28 ވަނަ ދުވަހާ ހަަމައަށް އެއް އަހަރާއި 11 މަހުން ރާއްޖޭގެ ހުރިހާ ރަށަކަސް ވަނީ ޒިޔާރަތްވެސްކުރައްވައިފަ އެވެ.

