ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ރައްޔިތުންގެ ރައީސް ކަމަށް، ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގައި ރޭ ވާހަކަދައްކަމުން އާދަމް ޝަރީފް ވިދާޅުވީ ވަރަށް ގިނަ ރައީސުންނާއެކު ދަތުރުތައް ކުރެއްވުމުގެ ނަސީބު ލިބިފައިވާ ކަމަށާއި ރައީސް މުއިއްޒު ފާހަގަކުރެވިގެން ދަނީ ރަށްރަށަށް ވަޑައިގެން ސީދާ ކައުންސިލްތަކާއި ވަރަށް ގާތުން އަދި ރައްޔިތުންނާއި ވެސް ބައްދަލުކުރައްވާ، ރައްޔިތުންގެ ރައީސެއްގެ ގޮތުގައި ކަމަށެވެ.
“ރައްޔިތުންގެ ރައީސެއްގެ ގޮތުގައި، ރައްޔިތުންގެ ވާހަކަތައް އަޑު އައްސަވައި ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި، ވަރަށް ގާތުން މަސައްކަތް ކުރައްވާ ރައީސެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވިގެންދަނީ،” އާދަމް ޝަރީފް ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވީ ކައުންސިލްތަކާއި ރައްޔިތުން ހުށަހަޅާ ކަންކަމަކީ ކިތަންމެ ބޮޑު ހަރަދެއް ހިނގާ ކަންތައްތަކެއް ނަމަވެސް އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ގެންގޮސްދޭން ރައީށް ވަރަށް ބޮޑަށް ބާރުއަޅުއްވާ ކަމަށެވެ. ލާމަރުކަޒީ ނިޒާމުގައި ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމުގެ ވިސްނުމަކީ ހަގީގަތުގައި އެއީ ކަމަށާއި ކުރު މުއްދަތެއްގެ ތެރޭގައި ރައްޔިތުންގެ ކައިރިއަށް ގޮސް، ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުވުމަކީ ބޮޑު ކާމިޔާބެއް ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ރާއްޖޭގެ އެކި ރަށްތަކަށް ކުރައްވާ ދަތުރުފުޅުތަކުން އެއްވެސް މެދުވެރިއެއް ނެތި ކައުންސިލްތަކާއި ރައްޔިތުންނަށް ވެސް ބޭނުންވާ ކަންކަން އެމަނިކުފާނާއި ހިއްސާކުރެވޭ ކަމަށާއި މި ދައުރުގައި ހޯދޭ ކާމިޔާބީތަކުގެ ބޮޑު ދައުރެއް މި ދަތުރުފުޅުތަކުން ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.