
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, ހުޅުމާލޭ ފޭސް 2 ގެ ރައްޔިތުންނާ މި މަހުގެ 18 ވާ ބުރާސްފަތި ދުވަހު ރޭ ބައްދަލުކުރެއްވުމަށް ނިންމަވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިރޭ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ހިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލޭ ފޭސް 2 ގެ ރައްޔިތުންނާ ބައްދަލުކުރެއްވުން 2025 ޑިސެމްބަރު 18 ވާ ބުރާސްފަތި ދުވަަހުގެރޭ 20:30ގައި ޞަލާޙުއްދީންސްކޫލްގައި އޮންނާނެ ކަމަށެވެ.
އެހެންކަމުން މި ބައްދަލުވުމަށް ސަރުކާރުގެ ފަރާތުން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގަ ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ދަޢުވަތު ދެއްވާފައެވެ.
މާލެ ސިޓީގެ ރައްޔިތުންނާއި މާލެ ސިޓީގައި ދިިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުންތައް އެއްސެވުމުގެ ގޮތުން ރައީސް ވަނީ ސިލްސިލާ ބައްދަލްވުންތަކެއް ބާއްވަވަން ފައްޓަވާފަ އެވެ. ރައްޔިތުންގެ ފަސޭހައަކަށް އެމަނިކުފާނު އެ ބައްދަލްވުންތައް ބާއްވަވަމުން ގެންދަވަނީ ކޮންމެ އަވަށަކަށް ވަކި ބައްދަލްވުމެކެވެ.
އެގޮތުން ވިލިމާލެ އާއި މާލޭގެ ހުރިހާ އަވަށްތަކާއި ހުޅުމާލެ ދެ ފިޔަވަހީގެ ރައްޔިތުންނާއި ވަކީން ބައްދަލު ކުރައްވަން ވަނީ ނިންމަވާފަ އެވެ. ބައެއް އަވަށްތަކުގެ ބައްދަލްވުންތައް ބާއްވާފައިވާއިރު އެ ބައްދަލްވުންތަކުގައި ރައްޔިތުން ބޭނުންވާ ހުރިހާ ޝަކުވާއަކާއި ކަންބޮޑުވުންތަކާއި ޝުއޫރުތަކާއި ހިޔާލުފާޅުކުރުންތަކަށް ފުރުސަތު ދެއްވި އެވެ.
މާލެ ސަރަހައްދުގައި އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ވިލިމާލޭގެ ރައްޔިތުންނާއެވެ. އެއަށްފަހު މައްޗަންގޮޅިއާއި މާފަންނާއި ހެންވޭރުގެ ރައްޔިތުންނާ ވެސް އެމަނިކުފާނު މިހާރު ވަނީ ބައްދަލުކުރައްވާފައެވެ. އަދި އަންގާރަ ދުވަހު ގަލޮޅު އަވަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާއިރު، ބުދަ ދުވަހުގެ ރޭ ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ނިންމަވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ، ހުޅުމާލެގެ ފޭސް 2 ގައި ދިރިއުޅުއްވާ ރައްޔިތުންނާ ވަކިން ބައްދަލުކުރައްވާނެ ކަމަށް މީގެ ކުރިން ވެސް ވިދާޅުވެފައެވެ.

