
މަތީ ތަޢުލީމު ޙާޞިލުކުރުމަށް ސަރުކާރުން ދޭ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ޙާޞިލުކުރާ ދަރިވަރުންނަށް ބޭނުން ދާއިރާއަކުން ކިޔެވުމުގެ މަގުފަހިކޮށްދީފިއެވެ.
އަލަށް އެކުލަވާލައި އާންމުކުރި އުޞޫލުގައި ބަޔާންކޮށްފައިވާ ގޮތުން، މި ޝަރަފުވެރި ސްކޮލަރޝިޕްގެ ދަށުން ތަޢުލީމު ހާސިލުކުރުމަށް ދަރިވަރުންނަށް ބޭނުންވާ ރޮނގަކުން ކިޔެވުމުގެ އިޚްތިޔާރު މިހާރު ލިބިގެންދާނެއެވެ.
ދަރިވަރުން ކިޔެވުމަށް ޤައުމުތައް އިޚްތިޔާރުކުރުމުގައި ވަކި ޝަރުޠުތަކެއް އައު އުޞޫލުގައި ކަނޑައަޅާފައިވެއެވެ. އެގޮތުން، ރާއްޖޭގައި ތިބެގެން ކިޔެވުމުގެ އިތުރުން، ބޭރު ޤައުމެއްގައި ކިޔަވާ ނަމަ އެއީ ދިވެހިރާއްޖެއާ ސިޔާސީ ގުޅުން ޤާއިމުކޮށްފައިވާ އަދި ދަރިވަރުންނަށް އަމާން ރައްކާތެރި މާހައުލެއް އޮތް ޤައުމަކަށް ވާންޖެހޭނެއެވެ. ހަމައެހެންމެ، ތަޢުލީމު ހާސިލުކުރާ ޔުނިވަރސިޓީ ނުވަތަ ކޮލެޖަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އިން ބަލައިގަންނަ މަރުކަޒަކަށް ވުމަކީ ލާޒިމުކަމެކެވެ.
މި ބަދަލާ އެކު ދަރިވަރުންނަށް އިތުރު ލުއިފަސޭހަތަކެއް ވެސް ވަނީ ފަހިކޮށްދީފައެވެ. އެގޮތުން ދެ ޤައުމެއްގައި ކިޔަވާ ގޮތަށް ފަރުމާކޮށްފައި ހުންނަ “ޓްވިން” ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ހުއްދަ މިހާރު ލިބޭނެއެވެ.
މީގެ އިތުރުން، ކޯހުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އިންޓަރންޝިޕް، ކިޔަވަން ހުރި ޤައުމުގައި ހެދެން ނެތް ޙާލަތްތަކުގައި ނުވަތަ އެހެން ޤައުމެއްގައި މާލީގޮތުން ލުއިކޮށް އެކަން ކުރެވެން އޮތްނަމަ، މިނިސްޓްރީގެ ޚާއްޞަ ހުއްދައެއްގެ ދަށުން ރާއްޖޭގައި ނުވަތަ އެހެން ޤައުމެއްގައި ވެސް އިންޓަރންޝިޕް ފުރިހަމަކުރުމުގެ މަގު އައު އުޞޫލުގެ ދަށުން ވަނީ ތަނަވަސްކޮށްދީފައެވެ.

