ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ “ޖެނެރޭޝަނަލް ބޭން”އަށް އާންމުންގެ ހިޔާލަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ނަންގަވާ ޕޯލްތަކުގައި ގިނަ ވޯޓު ލިބެނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވި އެންމެނަށް ދުންފަތް މަނާ ކުރުމަށެވެ.
ރައީސް މި ޕޯލް ހުޅުވާލީ އެމަނިކުފާނުގެ ރަސްމީ ފޭސްބުކް ޕޭޖުގައާއި އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސް އާންމުންގެ ހިޔާލަށް ހުޅުވާލީ، 2000، 2004 އަދި 2007 ވަނަ އަހަރުގެ ފަހުން އުފަންވި އަދި އުފަންވާނެ ކުދިންނަށް ދުންފަތް މަނާކުރުމުގެ ތެރެއިން ގޮތެއް އިހުތިޔާރު ކުރުމަށެވެ.
ފޭސްބުކް ޕޯލްގެ ނަތީޖާ:
- ޖެނުއަރީ 1، 2007 އިން ފެށިގެން އުފަންވި އަދި އުފަންވާނެ ހުރިހާ އެންމެނަށް މަނާކުރުން: 1189 މީހުން (23 ޕަސެންޓް)
- ޖެނުއަރީ 1، 2004 އިން ފެށިގެން އުފަންވި އަދި އުފަންވާނެ ހުރިހާ އެންމެނަށް މަނާކުރުން: 217 މީހުން (5 ޕަސެންޓް)
- ޖެނުއަރީ 1، 2010 އިން ފެށިގެން އުފަންވި އަދި އުފަންވާނެ ހުރިހާ އެންމެނަށް މަނާކުރުން: 3684 މީހުން (72 ޕަސެންޓް)
އެކްސް ޕޯލްގެ ނަތީޖާ:
- ޖެނުއަރީ 1، 2007 އިން ފެށިގެން އުފަންވި އަދި އުފަންވާނެ ހުރިހާ އެންމެނަށް މަނާކުރުން: 40.6 ޕަސެންޓް
- ޖެނުއަރީ 1، 2004 އިން ފެށިގެން އުފަންވި އަދި އުފަންވާނެ ހުރިހާ އެންމެނަށް މަނާކުރުން: 8.2 ޕަސެންޓް
- ޖެނުއަރީ 1، 2010 އިން ފެށިގެން އުފަންވި އަދި އުފަންވާނެ ހުރިހާ އެންމެނަށް މަނާކުރުން: 51.2 ޕަސެންޓް
އެކްސްގައި ނަގަން ފަށާފައިވާ ޕޯލް މާދަމާއަށް ހަމަވާނެ އެވެ.
ރައީސް މުއިއްޒާއި ޕްރެޒެންޓަރު އަހުމަދު ޝަކީބު ހިންގަވާ “ރައްޔިތުންނާ އެކު” ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ ޖެނެރަޝަން ބޭންއެއް ދުންފަތް މަނާކުރުމަށް ގެނައުމަށް ކަރުދާހެއް އެކުލަވާލަން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމާ ހަވާލުކުރައްވާފައިވާ ކަމަށެވެ.
އަދި އެ ކަރުދާސް އެކުލަވާލާ ނިމުމުން، ކެބިނެޓަށް ހުށަހަޅުއްވައިގެން މިނިސްޓަރުންގެ މަޝްވަރާއާއެކު ގޮތެއް ނިންމަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ސޯޝަލް މީޑިއާގައި އާންމުންގެ ހިޔާލަށް ހުޅުވާލެއްވީ ޕޮޑްކާސްޓްގައި އެމަނިކުފާނުގެ އާ ސިޔާސަތު އިއުލާންކުރެއްވުމަށް ފަހުގަ އެވެ.
ދުންފަތުން ސިއްހަތަށް ލިބޭ ގެއްލުން ވަޒަންކޮށް އެ އާދައާ ދިވެހި މުޖުތަމައު ދުރުކުރުމަށް މި ސަރުކާރުން ގެންދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓު މަނާކޮށް، ސިނގިރޭޓުން ނަގާ ޑިއުޓީ ވަނީ ބޮޑުކޮށްފަ އެވެ.
އަދި ދުންފަތް ރާއްޖޭގައި ހެދުން މަނާކޮށްފައި އޮތް އޮތުން ތަންފީޒުކުރުން ވަރުގަދަ ކުރުމަށް ގާނޫނަށް އިތުރު ބަދަލުތަކެއް ގެނެސް، ދުންފަތް ހެދުމަށް ބޭނުންކުރާ ގިނަ ބާވަތްތައް އެތެރެކުރުން ވަނީ މަނާކޮށްފަ އެވެ.
ކެފޭ/ރެސްޓޯރަންޓްތަކުގައި ހުއްދަ ނަގައިގެން ވަކި ތަނެއް ހާއްސަކޮށްގެން އެތަނުގައި އެކަނި ދުންފަތުގެ އިސްތިއުމާލުކުރެވޭނެ ގޮތް ހެދުމަށް ކުރިއަށްވުރެ ގަވާއިދު ހަރުކަށި ކޮށްފައި ވެސް ވެ އެވެ.