ރައީސް ޑރ. މުހައްމަދު މުއިއްޒު، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓުގެ މަގާމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން އައްޔަންކުރައްވައިފި އެވެ.
ވަހީދު ވަނީ ރައީސް ކަމުގެ މަގާމާއި ނައިބު ރައީސް ކަމުގެ މަގާމު އަދާކުރައްވާފަ އެވެ. އަދި ރައްޔިތުންގެ މަޖިލިހާއި ރައްޔިތުންގެ ހާއްސަ މަޖިލިހުގެ މެމްބަރު ކަމުގެ އިތުރުން ތައުލީމީ ދާއިރާގެ އިސް މަގާމުތަކެއް ފުރުއްވާފަ އެވެ. އެމަނިކުފާނަކީ ޔުނިސެފުގައި ވެސް އިސް މަގާމުތަކެއްގައި ހިދުމަތް ކުރެއްވި ބޭފުޅެކެވެ.
ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓުގެ މަގާމަށް ވަހީދު އައްޔަންކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ. އެ މަގާމަށް އެމަނިކުފާނު އައްޔަންކުރެއްވުމަށް ފަހުގައި ރައީސް ވަނީ ވަހީދު އާ ބައްދަލުކުރައްވާފަ އެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ވަހީދަކީ ވަރަށް ގާބިލު ބޭފުޅެއް ކަމުގައި ފާހަގަކުރައްވައި ރާއްޖޭގެ ހާރިޖީ ގުޅުން ވަރުގަދަ ކުރުމަށް ސަރުކާރާ އެކު މަސައްކަތްކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންނެވި ކަމަށެވެ.
އަދި އިގުތިސޯދީ ގޮތުން ނަފާ ލިބޭނެ ކަންކަން މަގުފަހިކުރުމަށް ގައުމުތަކާ އެކު މަޝްވަރާކުރައްވައި، އެ ރޮނގުން ކާމިޔާބީ ހާސިލުކުރުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވި ކަމަށް އެ އޮފީހުން ބުންޏެވެ. މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ރައީސްގެ ފަރާތްޕުޅުން ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމުގައި ފާހަގަކުރެއްވި ކަމުގަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ވަހީދު ވަނީ ސަރުކާރަށް ހިދުމަތްކުރެއްވުމުގެ ފުރުސަތު ދެއްވި ކަމަށް ޝުކުރު އަދާކުރައްވާފައި ކަމަށާއި އެމަނިކުފާނުގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެ ކަމުގެ ޔަގީންކަން ރައީސްއަށް އެރުވި ކަމުގަ އެވެ.
ވަހީދު މި މަގާމަށް އައްޔަންކުރައްވާފައި ވަނީ މުސާރަ ލިބިވަޑައިނުގަންނަވާ ގޮތަށް ކަމަށް އެ އޮފީހުން ބުންޏެވެ.