
އަންނަ ބުދަ ދުވަހު ރޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވާއިރު، އެ ބައްދަލުވުން ޚާއްސަކުރަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ވިޔަފާރިވެރިންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް، އަންނަ ބުދަ ދުވަހުގެ ރޭ އޮންނަ ބައްދަލުވުން ޚާއްސަކުރުމަށް ހަމަޖެހިފައި ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ކަމަށެވެ. ވީމާ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމުގެ ދަޢުވަތު، ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިންނަށް އަރުވާކަމަށާއި ބައްދަލުކުރެއްވުން އޮންނާނީ ސޯޝަލް ސެންޓަރުގައި ބުދަ ދުވަހުގެ ރޭ 20:30ގައި ކަމަށް ހީނާ ވިދާޅުވިއެވެ.
ދިވެހި ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފަށްޓަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން 17 ޑިސެންބަރު 2025 ވާ ބުދަ ދުވަހުގެރޭ 8:30 ގައި، ސޯޝަލް ސެންޓަރުގައި ބާއްވަވާ ފުރަތަމަ ބައްދަލުކުރެއްވުން ޚާއްޞަކުރެވިފައިވަނީ ކުދި…
— Heena Waleed (@MvSpokesperson) December 16, 2025
ރައްޔިތުންނާ ގާތުން ރައްޔިތުންގެ އަޑު އެއްސެވުމަށް، ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދެވުމަށް ބައްދަލުކުރެއްވުންތައް ރައީސް ދަނީ ބާއްވަވަމުންނެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ވަނީ ބައްދަލުކުރައްވާފައިވެއެވެ. އަދި އެކިއެކި ސިނާޢަތްތަކަށް ޚާއްސަކޮށްގެން ވެސް ރައީސް ދަނީ ބައްދަލުވުންތައް ބާއްވަމުންނެވެ.

