ރައްޔިތުންނާ ވީހާވެސް ގާތުން މަލޫމާތު ހިއްސާކުރައްވައި، ރައްޔިތުންގެ ހިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ސުވާލުތަކަށް ޖަވާބު ދެއްވުމަށް ހާއްސަ ޕޮޑްކާސްޓެއް ފެއްޓެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން އެކަން ހާމަކޮށްފައި ވަނީ ޕޮޑްކާސްޓުގެ ޓްރެއިލާ އާންމުކޮށް މިއަދު އެ އޮފީހުން “އެކްސް” ގައި ކުރި ޕޯސްޓެއްގަ އެވެ.
“ރައްޔިތުންނާ އެކު” ގެ ނަމުގައި ރައީސް ކުރިއަށް ގެންދަވާ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް މިއަދު މެންދުރުފަހު 1 ޖަހާއިރު އެ އޮފީހުގެ ވެބްސައިޓުންނާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ދައްކާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޕޮޑްކާސްޓުގެ ހޯސްޓަކީ ކުރީގެ މަޝްހޫރު ޕްރެޒެންޓަރު އަހްމަދު ޝަކީބު (ޝަކީއްބެ) އެވެ.
ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކޮށް، ރައްޔިތުންގެ ޚިޔާލުތަކާއި ސުވާލުތަކަށް ޖަވާބުދެއްވުމަށް "ރައްޔިތުންނާ އެކު" މި ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކުރިއަށްގެންދަވާ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް މިއަދު މެންދުރު 1 ޖަހާއިރު pic.twitter.com/3APikeL27k
— The President's Office (@presidencymv) March 27, 2025
“ރައްޔިތުންނާ އެކު” ގެ ނަމުގައި ޕޮޑްކާސްޓެއް ފައްޓަވަން ނިންމެވިއިރު، ވީޑިއޯ މެދުވެރިކޮށް ހުށަހަޅާ ސުވާލުތަކަށް، ޖަވާބު ދެއްވުމަށް ކުރިއަށް ގެންދެވި “ރައީސްގެ ޖަވާބު” ސިލްސިލާއަށް ވީޑިއޯ މެދުވެރިކޮށް ސުވާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިފަހުން ވަނީ އަލުން ހުޅުވާލާފަ އެވެ.
އެ ސިލްސިލާއަކީ، ވީޑިއޯ މެދުވެރިކޮށް ހުށަހަޅާ ސުވާލުތަކަށް، ރައީސް ވީޑިއޯ މެދުވެރިކޮށް ދެއްވާ ޖަވާބު އާންމު ކުރައްވަމުން ގެންދަވާ ގޮތަށް، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ފެށްޓެވި ސިލްސިލާއެކެވެ. އެ ސިލްސިލާގައި އޭރު ސުވާލު ކުރެވެމުން ދިޔައީ، ރައީސް އޮފީހުގެ މީޑިއާ ޓީމަކުން ރައްޔިތުންނާ ބައްދަލުކޮށް، ވީޑިއޯ ސުވާލު ހުށަހެޅުމަށް ފުރުސަތު ދީގެންނެވެ.
ނަމަވެސް އެގޮތަށް އެކަން ކުރިއަށް ގެންދިއުމުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ކަންކަމާ ގުޅިގެން ރައީސް އާ ސުވާލު ކުރުމަށް ބޭނުންވާ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ފުރުސަތު ދެވެމުން ނުދާތީ، ކޮންމެ މީހަކަށް ވެސް ވީޑިއޯ ސުވާލު ހުށަހެޅޭނެ ޕޯޓަލްއެއް އުފައްދައި، ބޭނުންކުރެވެން ފެށެންދެން “ރައީސްގެ ޖަވާބު” ސިލްސިލާ ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.
“ރައީސްގެ ޖަވާބު” ސިލްސިލާއަށް ސުވާލު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 18 ވަނަ ދުވަހު ހުޅުވާލީ “ރައްޔިތުންގެ އަޑު” ގެ ނަމުގައި އުފެއްދި ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށެވެ.