އިނގިރޭސިވިލާތުގެ ލިވަޕޫލް ފުޓްބޯލް ކްލަބް (ލިވަޕޫލް އެފްސީ) އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ވިޒިޓް މޯލްޑިވްސްއާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސް ޑރ މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތުގެ ލިވަޕޫލް ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.
ރައީސްގެ ދަތުރުފުޅުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން ފެށި ފުޓުބޯޅަ މެޗު ބައްލަވާލެއްވި އެވެ. އަދި، އަކްސާ ޓްރެއިނިންގް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެންމެ މަތީ ފެންވަރުގައި ފުޓުބޯޅައިގެ ތަމްރީނާއި ކޯޗިންގްގެ ކަންކަން ކުރިއަށް ގެންދާ ގޮތް ބައްލަވާލެއްވި އެވެ.
ޔޫކޭ ގައި ތިބި ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވިއެވެ. ދިވެހި ދަރިވަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދަރިވަރުންގެ ތައުލީމީ ކަންކަން ކުރިއަށްދާ ގޮތާއި، ދަރިވަރުންގެ ތަޖުރިބާތަކާއި ގުޅޭގޮތުން ރައީސް އޮޅުންފިލުއްވިއެވެ. އަދި، މަތީ ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދެއްވުމުގައި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާނޭކަމުގެ ޔަގީންކަން ރައީސް ވަނީ އެދަރިވަރުންނަށް ދެއްވާފަ އެވެ.
ލިވަޕޫލް އެފްސީއާ އެކު ގާއިމުކުރި ޕާޓްނާޝިޕްގެ ދަށުން، މާޗު މަހުގެ 27 ވަނަ ދުވަހު ވިޒިޓް މޯލްޑިވްސް އިން ވަނީ އިނގިރޭސިވިލާތުގައި ފުޅާ ދާއިރާއެއްގައި އައުޓްޑޯ ކެމްޕެއިނެއްވެސް ފަށާފަ އެވެ. ތިން މަސް ދުވަހުގެ މި ކެމްޕެއިންގެ ދަށުން އިނގިރޭސިވިލާތުގެ އިސްތިރާޖީ ބައެއް ސަރަޙައްދުތަކުގައި އައުޓްޑޯ އަދި ޑިޖިޓަލް އެޑްވަރޓައިޒިންގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ލަންޑަންގެ 100 ޓެކްސީއެއްގައްޔާއި، ބަސްތަކާއި ލަންޑަން އަންޑަރގްރައުންޑް، ވައިގެބަނދަރުތައް، އަދި ބިޒްނަސް ކްލާސް ލައުންޖުތަކުގައި ވިޒިޓް މޯލްޑިވްސް ބްރޭންޑް ގިނަ އަދަދެއްގެ ބަޔަކަށް އިޝްތިހާރުކުރެވިގެންދާނެ އެވެ.
މީގެ އިތުރުން، ޕްރިމިއާ ލީގް މެޗުތައް އެންފީލްޑްގައި ކުޅޭ ދުވަސްތަކުގައި، ސްޓޭޑިއަމްގައި ލެޑް ސައިނޭޖް ދައްކައި، ލިވަޕޫލް އެފްސީގެ ރަސްމީ ލުއިފޮތްތަކާއި ޔޫރަޕުގެ އެކި ސަރަޙައްދުތަކުގައި ހުންނަ ބިލްބޯޑުތަކުގައި ރާއްޖޭގެ ބްރޭންޑް އިޝްތިހާރުކޮށް، ބައިނަލްއަގުވާމީ ފެންވަރެއްގައި ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތްކުރާނެ އެވެ.
ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ތާރިގް އިބްރާހީމާއި، ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު އާއި، އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ޝިއުރީ އަދި ސަރުކާރުގެ ބައެއް އިސްވެރިން، ރައީސްގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި އެވެ.