
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަމުން ގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މާދަމާ ރޭ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން އަންނަ އާދިއްތަ ދުވަހުގެ ރޭ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން އޮންނާނެ ކަމަށެވެ.
އެގޮތުން މި ބައްދަލުކުރެއްވުން އޮންނާނީ، އާދިއްތަ ދުވަހުގެ ރޭ 20:30ގައި ރެހެންދި ސުކޫލުގައި ކަމަށާއި ސަރުކާރުގެ ފަރާތުން، މި ބައްދަލުވުމަށް ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވާ ކަމަށް ތަރުޖަމާނު ހީނާ ވިދާޅުވިއެވެ.
ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ…
— Heena Waleed (@MvSpokesperson) December 19, 2025
ރައީސުލްޖުމްހޫރިއްޔާ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަންނަވާ ރައްޔިތުންނާ ބައްދަލުކުރައްވާފައިވާއިރު، މިހާރު އެމަނިކުފާނު ގެންދަވަނީ މާލޭގެ އެކި އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ. އެގޮތުން، އެންމެ ފަހުން ބައްދަލުކުރައްވައިފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާއެވެ.

