![]()
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަންނަ ބުދަ ދުވަހުގެ ރޭ ދިވެހި ވިޔަފާރިވެރީންނާއި ބައްދަލު ކުރައްވަން ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިމަހުގެ 17 ވާ ބުދަ ދުވަހުގެރޭ، ދިވެހި ވިޔަފާރިވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން އޮންނާނެ ކަމަށެވެ.
ހީނާ ވިދާޅުވީ، މިއީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ހިޔާލާއި މަޝްވަރާ ހޯއްދަވާ، ރައްޔިތުން ކަންބޮޑުވާ ކަންކަން ހިއްސާ ކުރައްވާ، ބޭނުންފުޅުވާ ކަންކަން ސީދާ އަޑުއެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ކުރިއަށް ގެންދަވާ ބައްދަލުކުރެއްވުމެއް ކަމަށެވެ.
”ވީމާ، 17 ޑިސެންބަރު 2025 ވާ ބުދަ ދުވަހުގެރޭ 8:30 ގައި، ސޯޝަލް ސެންޓަރުގައި އޮންނަ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގަތުމުގެ ދައުވަތު ދިވެހި ވިޔަފާރިވެރިންނަށް އަރުވަމެވެ،” ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެފައިވެއެވެ.
އަންނަ ބުދަ ދުވަހުގެ ރޭ ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވާއިރު، ރައީސް ދާދިފަހުން ވަނީ ދިވެހި މަސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން އަންގާރަ ދުވަހުގެ ރޭ މާލޭގެ ގަލޮޅު އަވަށު ރައްޔިތުންނާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ބައްދަލުކުރެއްވުން އޮންނާނީ، އަންގާރަ ދުވަހުގެ ރޭ 20:30ގައި އިމާދުއްދީން ސްކޫލްގައެވެ. އެހެންކަމުން ސަރުކާރުގެ ފަރާތުން މި ބައްދަލުވުމަށް ގަލޮޅުގެ ހުރިހާ ރައްޔިތުންނަށްވެސް ވަނީ ދައުވަތު އަރުވާފައެވެ.
ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމުގެ ސިޔާސަތުގެ ދަށުން ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯއްދެވުމަށް ބައްދަލުކުރެއްވުންތައް އެ މަނިކުފާނު ދަނީ ބާއްވަވަމުންނެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފައިވާއިރު، މިހާރު ރައީސް ގެންދަވަނީ މާލޭގެ އެކި އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވަމުންނެވެ.
މާލެ ސަރަޙައްދުގައި އެންމެ ފުރަތަމަ ބައްދަލުކުރެއްވީ، ވިލިމާލޭގެ ރައްޔިތުންނާއެވެ. އެއަށްފަހު މައްޗަންގޮޅިއާއި، މާފަންނާއި، ހެންވޭރުގެ ރައްޔިތުންނާވެސް ރައީސް މިހާރު ވަނީ ބައްދަލުކުރައްވާފައެވެ.
