ނޭޝަނަލް ސިންގަލް ވިންޑޯ “ޓްރޭޑިއަން” ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
ޓްރޭޑިއަންއަކީ ޝިޕިން އޭޖެންޓުންނާއި، ފްރައިޓް ފޯވާޑިންގެ ހިދުމަތްދޭ ފަރާތްތައް ރަޖިސްޓްރީވުމާއި ކަސްޓަމްސްއަށް ހުށަހަޅަންޖެހޭ މައުލޫމާތު ހުށަހެޅުމަށްޓަކައި ލޯންޗުކުރި ޕްލެޓްފޯމެކެވެ.
ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި، ޓްރާންސްޕޯޓް މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން މިއަދު ކުރި އިއުލާނެއްގައި ބުނީ އިމްޕޯޓް އަދި އެކްސްޕޯޓާއި ގުޅުންހުރި ބޯޑަރުގައި ހަރަކާތްތެރިވާ ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދެމުން ގެންދާ، ހަތަރު ހިދުމަތެއް، އަންނަ އާދިއްތަ ދުވަހުން ފެށިގެން ފޯރުކޮށްދެވޭނީ، ހަމައެކަނި “ޓްރޭޑިއަން” ޕްލެޓްފޯމް އިން ކަމުގައެވެ.
އޭގެ ތެރޭގައި ހިމެނެނީ
- ފޮރިން ގޮއިން ވެސަލް ރަޖިސްޓްރީ ކުރުން
- ވެސަލް އެރައިވަލް / ޑިޕާޗަރ އިންފޮމޭޝަން ހުށަހެޅުން (އީޓީއޭ / އީޓީޑީ)
- ސީ ކާގޯ މެނިފެސްޓް ހުށަހެޅުން
- ޕޯކް އެންޑް ލިކަރ އިމްޕޯޓް ޕަރމިޓް ހުށަހެޅުން
އެ އިއުލާނުގައިވާ ގޮތުން އެ ހިދުމަތްތަކަށް “ޓްރޭޑިއަން” ޕްލެޓްފޯމް މެދުވެރިކޮށް އެދެވޭނީ ހަމައެކަނި “ޓްރޭޑިއަން” ޕްލެޓްފޯމްގައި ރަޖިސްޓްރީވެފައިވާ ފްރައިޓް ފޯވާޑަރުންނާއި ޝިޕިން އޭޖެންޓުން އަދި އިމްޕޯޓަރުންނާއި އެކްސްޕޯޓަރުންނަށެވެ.