
ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ، ނޭހާ ކައްކަރު ލަވަކިޔުން ހުއްޓާލައި، ދާއިރާއާ ދުރަށް ދާން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.
ނޭހާގެ އިންސްޓަގްރާމް ސްޓޯރީގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ “ފާސަނަލް ލައިފް” އަދި “ޕްރޮފެޝަނަލް ލައިފް” އިން ބްރޭކެއް ނަގަން ނިންމާފައިވާ ކަމަށެވެ. މިވަގުތު އޭނާ ނަގަންޖެހޭ ޒިންމާތަކުންނާއި ގުޅުންތަކުގެ އިތުރުން އެހެނިހެން ކަންކަމުންވެސް ބްރޭކެއް ނަގަން ނިންމާފައިވާ ކަމަށް ނޭހާ ބުނެފައިވެއެވެ.
އެނބުރި އަންނާނެ ދުވަހެއްވެސް ނޭންގޭ ކަމަށް ނޭހާ ބުނެފައިވެއެވެ.
އަމިއްލަ ނަފުސަށް ވަގުތު ދޭން ބޭނުންވާތީ، ޕަޕަރާޒީންނާއި ފޭނުންވެސް އޭނާގެ ފޮޓޯ އާއި ވީޑިއޯ ނުނެގުމަށްވެސް ނޭހާވަނީ އިލްތިމާސްކޮށްފައެވެ. އޭނާގެ ޕްރައިވަސީއަށް ހުރިހާ އެންމެންވެސް އިހުތިރާމު ކުރުމަށްވެސް އެދިފައިވެއެވެ.
ނޭހާވަނީ ބޮލީވުޑަށް އެތައް ހިޓް ލަވަތަކެއް ކިޔައިދީފައެވެ. އަދި ވަކިންވެސް ގިނަ މިއުޒިކް ވީޑިއޯތަކެއް ގެނެސްދީފައިވެއެވެ.
އެންމެ ފަހުން ނޭހާ ކިޔާފައިވަނީ އޭނާގެ ބޭބެގެ ލަވަޔެއް ކަމަށްވާ “ކޭންޑީ ޝޮޕް”އެވެ. އެ ލަވަޔަށް އާންމުންވަނީ ވަރަށް ބޮޑަށް ފާޑުކިޔައި، ނޭހާ ޓްރޯލްކޮށްފައެވެ. ގިނަ މީހުން ބުނަނީ އެ ލަވައިގައި ދެކުނު ކޮރެއާގެ މަޝްހޫރު “ބްލެކްޕިންކް” ބޭންޑު ކޮޕީކޮށްފައިވާ ކަމަށެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ނޭހާ މިއުޒިކް ދާއިރާއާ ދުރަށްދާން ނިންމި އެއް ސަބަބަކީވެސް އެ ލަވަޔާ ގުޅިގެން އަމާޒުވި ބޮޑެތި ފާޑުކިޔުންތަކެވެ. ނަމަވެސް އެއްވެސް ފާޑުކިޔުމަކަށް ނޭހާ ޖަވާބު ދީފައެއް ނުވެއެވެ.

