
ނޫސްވެރިކަމުގެ ދާއިރާއިން ކިޔަވަން ބޭނުންވާ ޒުވާނުންނަށް ސަރުކާރުން އެހީތެރިވެދޭނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ޔޫތް މިނިސްޓްރީއާ ދެމެދު އިސްތިރާޖީ ފަހުމުނާމާގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ނޫސްވެރިން، ނޫސްވެރިކަމުގެ ދާއިރާއިން ތަޢުލީމު ޙާސިލްކުރުމަށާއި އެދަފަ ފަރާތްތަކަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަމަށެވެ. އަދި މިފަދަ ޢިލްމުތަކުން ލިބޭ ފައިދާ މި ދާއިރާއަށާއި ނޫސްވެރިންނަށް ކުރާނެކަމަށާއި ޢިލްމު ލިބިގެން ލިޔާ އެއްޗެހީގެ ތަފާތުކަން ފެންނާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
“ރާއްޖޭގެ ނޫސްވެރިންގެ ގާތްގަނޑަކަށް %90 ކުދިންނަކީ މި ދާއިރާއަށް ޝައުޤުވެރިވެގެން، މި ދާއިރާ ތެރެއިން ދަސްވި އެއްޗެއްގެ ތެރެއިން ބޮޑުވަމުން އަންނަ ކުދިން. ހުރިހާ ނޫސްވެރިންނަށް ދަންނަވާނީ މި ޕްރޮގުރާމުގައި ބައިވެރިވާށޭ. ދަސްވާ އެއްޗެހި ތަފާތުވާނޭ. އިނގޭ މިންވަރު ތަފާތު ވާނޭ. ކޯސް ނިންމާފަ ދެން ލިޔާ އެއްޗެހި ކުރިން ލިޔުނު އެއްޗެހި ތަފާތުވާނޭ.” ވަޒީރު ވަޙީދު ވިދާޅުވިއެވެ.
ނޫސްވެރިން ދުނިޔޭގެ އެެކި ކަންކޮޅުތަކުގައި ހިނގާ ކަންކަން ހޯދައި، ޞައްޙަ މަޢުލޫމާތު ރައްޔިތުންނާއި ހަމައަށް ފޯރުކޮށް ދިނުމަށް ކުރާ މަސައްކަތަކީ ބުރަ، ވަރަށް ގިނަ ވަގުތު އެކަމަށް ހޭދަ ކުރަންޖެހޭ ކަމެއްކަން ފާހަގަކޮށްލެވެއެވެ.

