މީޑިއާތަކުގެ މައްސަލަ ބަލަން އާ ކޮމިޝަންއެއް ހަދައި މީޑީއާ ރެގިއުލޭޓްކުރުން އިތުރަށް ވަރުގަދަކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް މިއަދު ފާސްކޮށްފި އެވެ.
ކޮމިޓީން މިއަދު ހަވީރު އެ ބިލު ފާސްކުރީ ނޫސްވެރިން އެ ބިލާ ދެކޮޅަށް ކޮމިޓީ ތެރޭގައި ތިބެގެން މުޒާހަރާކުރަމުން ދަނިކޮށެވެ.
އަދި އެ ބިލު ބޭރުކުރަން ގޮވާލައި ގިނަ އަދަދެއްގެ ނޫސްވެރިން ސޮއިކޮށް ކުރިން އޮތީ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ. ނޫސްވެރިން ކޮމިޓީގައި އަޑުގަދަ ކުރަމުން ދިޔައީ ވެސް އެ ޕެޓިޝަން ކޮމިޓީއަށް ލިބުނު ނަމަވެސް ޕެޓިޝަނަށް ނުބަލައިގެނެވެ.
ބަންޑާރަ ނައިބު އޮފީހުން ހުށަހެޅި އިސްލާހުތަކުގައި ބިލުގެ 67 ވަނަ މާއްދާގެ ދަށުން، ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކުރުން ހުށަހެޅި އިސްލާހު ހިމެނެ އެވެ.
ނަމަވެސް ބިލު ފާސްކުރީ އޭގެ ބައެއް އިސްލާހުތައް ހިމަނައިގެނެވެ.
އެންމެ ބޮޑު ބަދަލަކަށް ގެނައީ މަޖިލީހުގެ ރުހުން ހޯދައިގެން ރައީސް އައްޔަންކުރާ ގޮތަށް ތިބި ތިން މެންބަރުން މަޖިލީހުން އެކަނި ކަނޑައަޅާ ގޮތަށެވެ.
ނޫސްވެރިންގެ ޑިމާންޑަކީ ބިލު ބޭރުކޮށް ހުރިހާ ކޮމިޝަނަރުންނަކީ ވެސް މީޑީއާތަކުން އިންތިހާބުކުރާ ބަޔަކަށް އޮންނަ ކޮމިޝަނަކުން މީޑިއާތައް ރެގިއުލޭޓް ކުރާ ގޮތަށް އޮތުމެވެ.
އެންމެ ފުރަތަމަ ބިލު ހުށަހެޅި އިރު ބިލުގައި ބުނެފައިވަ ގޮތުންބިލު ފާސްވެ ގާނޫނަކަށް ވުމުން މޯލްޑިވްސް މީޑިއާ ކައުންސިލް އަދި ބްރޯޑްކާސްޓިން ކޮމިޝަން އުވިގެންދާނެ އެވެ. އަދި އެއާއެކު “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން”ގެ ނަމުގައި މިނިވަން ކޮމިޝަންއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަން ޖެހޭނެ އެވެ.
އަދި ބައެއް މެމްބަރުން އައްޔަނުކުރާނީ ވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށް ބިލުގައި ބުނެފައި ވެއެވެ.
ނަމަވެސް އޭޖީން ހުށަހެޅި އިސްލާހުގައިވާ ގޮތުން ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައްޔާއި، އަދި ކޮމިޝަނުގެ ރައީސް އައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނުހިމެނޭނެ އެވެ.