ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމިއްޔާ ނުވަތަ ޖަމާއަތްތަކުން ރާއްޖޭގެ މުޖުތަމައު ބާރުވެރިކުރުމުގެ ގޮތުން ހިލޭ ސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް، އެ ޖަމިއްޔާތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިނުމަށް ކަނޑައަޅާފައިވާ “ސިވިލް ސޮސައިޓީ އެވޯޑް” އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީން ބުނީ މި އިނާމަކީ އިޖުތިމާއީ ގޮތުން މުޖުތަމައު ބާރުވެރި ކުރުވުމަށް އަމިއްލަ އިސްނެގުމުގެ މަތިން، ތަފާތު ގޮތްގޮތުން އެ ޖަމިއްޔާއެއް ނިސްބަތްވާ މުޖުތަމައުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ކުރިއެރުވުމަށް ހިލޭ ސާބަހަށް މަސައްކަތް ކުރުމުގައި މަދަނީ ޖަމިއްޔާތަކުގެ ތެރެއިން ނަމޫނާ ދައްކުވައިދޭ ފަދަ މަސައްކަތްތައް ކޮށްފައިވާ ޖަމިއްޔާތަކަށް ދެވޭ އިނާމެއް ކަމަށެވެ.
އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި ޔޫތު މިނިސްޓްރީން ކުރި އިއުލާނުގައި ބުނި ގޮތުގައި އިނާމުގެ ސަބަބުން ޖަމިއްޔާތަކުން ކުރާ މަސައްކަތްތައް ގައުމީ ފެންވަރުގައި ފާހަގަކުރެވޭނެ ކަމުގަ އެވެ.
މި އިނާމަށް ޖުމްލަ ނުވަ ދާއިރާއަކުން ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެއީ:
- އެމްޕަވާމަންޓް އޮފް ވޮމެން، ޗިލްޑްރަން، އެންޑް ޔޫތު
- ސަޕޯޓް ފޯ ޕީޕަލް ވިތު ޑިސޭބިލިޓީސް
- އެޑިއުކޭޝަން އެންޑް ލައިފްލޯންގް ލާނިން
- އިކޮނޮމިކް އެމްޕަވާމަންޓް އެންޑް ޕްރޮޑަކްޓިވިޓީ
- ޑްރަގް ޕްރެވެންޝަން އެންޑް ކޮމިއުނިޓީ ސޭފްޓީ
- ޕްރިޒާވޭޝަން އޮފް ކަލްޗާ، ލޭންގްވޭޖް އެންޑް ހެރިޓޭޖް
- ޕްރޮމޯޝަން އޮފް އާޓްސް، ކްރިއޭޓިވިޓީ އެންޑް އައިސީޓީ
- އެންވާރަމަންޓަލް ޕްރޮޓެކްޝަން އެންޑް ކްލައިމެޓް އެކްޝަން
- ހެލްތު އެންޑް ވެލްބިއިން ޕްރޮމޯޝަން
މަދަނީ ޖަމިއްޔާތަކުގެ އިނާމު ލިބޭ ފަރާތްތަކަށް، ޖަމިއްޔާތަކަށް ދެވޭ ހާއްސަ އެވޯޑާއި ސެޓްފިކެޓު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.
މި އެވޯޑަށް ނަން ހުށަހެޅުމަށް ޝައުގުވެރިވާ ޖަމިއްޔާތަކުން އަންނަ މަހުގެ 10 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1 ގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.
މަދަނީ ޖަމިއްޔާތަކުގެ އިނާމަށް ކުރިމަތިލުމުގެ އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ.
ޔޫތު މިނިސްޓްރީން ބުނީ އެޕްލިކޭޝަން ފޯމު ސޯޝަލް ސެންޓަރުގައި ހުންނަ މިނިސްޓްރީގެ ކައުންޓަރަށް ނުވަތަ މިނިސްޓްރީގެ [email protected] މެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމުގަ އެވެ.