
ނުކުޅެދުންތެރިކަން ހުންނަ 30 މީހަކަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ވަޒީފާ ހަމަޖައްސައިފިއެވެ.
މުޖުތަމަޢުގެ އެއްވެސް ފަރާތެއް ބާކީ ނުކޮށް، ހަމަހަމަ އުސޫލަކުން އެންމެނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެއްގޮތްވާ ގޮތުގެ މަތިން ސްޓެލްކޯ (ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް)އިން 30 ފަރާތަކަށް ވަޒީފާގެ ލިޔުން ހަވާލުކުރުމަށް މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި އެ ފަރާތްތަކަށް ލިޔުން ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންދ ޑިރެކްޓަރ އަޙްމަދު ޝަމާޙް ރަޝީދު ވިދާޅުވީ ރައީސްގެ ވައުދުފުޅާ އެއްގޮތަށް ގައުމު ތަރައްޤީކުރުމުގައި އެންމެން ބައިވެރިކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގައި ސްޓެލްކޯއަކީ ނަމޫނާ ކުންފުންޏެއް ކަމަށެވެ.
ސްޓެލްކޯއިން މިއަދު ހަމަޖެއްސި ވަޒީފާތަކަކީ އެ ކުންފުނީގެ ޚިދުމަތްދޭ 20 ރަށަކުން ހަމަޖެއްސި ވަޒީފާތަކެކެވެ. އެ ކުންފުނިން މީގެ ކުރީން ވެސް ވަނީ ނުކުޅެދުންތެރިކަން ހުންނަ 50 މީހަކަށް ވަޒީފާ ހަމަޖައްސައިދީފައެވެ.
މި އަހަރު އެކަނި ވެސް، ސަރުކާރުން ވަނީ ނުކުޅެދޭ ފަރާތްތަކަށް 300އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދެއްވައިފައެވެ.

