ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ތެރަޕިއުޓިކް ފަރުވާއަށް ހަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމް މެދުވެރިކޮށް މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު 25.4 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފި އެވެ.
އެންސްޕާއިން އެކަން ހާމަކޮށްފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ ބޭނުންވާ ކުދިންގެ ތެރެއިން ތެރަޕީގެ ހިދުމަތަށް އެދި އެންސްޕާގައި ރަޖިސްޓްރީ ކޮށްފައިވާ ކުދިންގެ އަދަދާއި އެ ކުދިންގެ ތެރެއިން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ކުދިންގެ އަދަދު ހޯދުމަށް އެ އިދާރާގައި އެދުމުންނެވެ.
އެ މައުލޫމާތު ހޯދުމަށް އެދި ހުށަހަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. މި މަހުގެ ފުރަތަމަ ދުވަހު އެންސްޕާގެ ސީއީއޯ ހީނާ ވަލީދަށް ފޮނުއްވި ސިޓީގެ ޖަވާބުގައި އެ އިދާރާއިން ވަނީ ކަމާ ގުޅުންހުރި ތަފާސް ހިސާބު ހިއްސާކޮށްފަ އެވެ.
އެންސްޕާއިން ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ތެރަޕިއުޓިކް ފަރުވާއަށް ހަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމް މެދުވެރިކޮށް މިދިޔަ މާޗު މަހުގެ ނިޔަލަށް 675 ފަރާތަކަށް އެހީ ފޯރުކޮށްދީފައިވާ ކަމަށެވެ. އެ ފަރާތްތަކަށް 25.4 މިލިއަން ރުފިޔާ ވަނީ ހަމަޖައްސައިދީފަ އެވެ.
ޕްރޮގްރާމް މެދުވެރިކޮށް 18 އަހަރުން ދަށުގެ 652 ކުދިންނަށް ޖުމްލަ 24.8 މިލިއަން ރުފިޔާ ހަމަޖައްސައިދިން ކަމަށެވެ. އަދި އެ ކުދިންގެ ތެރެއިން ރާއްޖެއިން ބޭރުގެ މަރުކަޒުތަަކުން އެހީ ހޯދުމަށް އެދުނު 30 ކުއްޖަކަށް 1.2 މިލިއަން ރުފިޔާ ހޭދަ ކުރި ކަމަށެވެ.
އެންސްޕާއިން ހިއްސާކުރި ތަފާސް ހިސާބަށް ބަލާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ތެރަޕިއުޓިކް ފަރުވާއަށް ހަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމް މެދުވެރިކޮށް މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު 96.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެއީ 1،087 ފަރާތެއްގެ ފަރުވާއަށެވެ.
އޭގެ ތެރޭގައި 18 އަހަރުން ދަށުގެ 1،031 ކުދިން ހިމެނޭއިރު، އެ ކުދިންގެ ފަރުވާއަށް 94 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ޕްރޮގްރާމް މެދުވެރިކޮށް ރާއްޖެއިން ބޭރުގެ މަރުކަޒުތަަކުން އެހީ ހޯދުމަށް އެދުނު 54 ކުއްޖަކަށް 4.2 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ސިއްހީ އެހީތެރިކަމާއި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ޒިންމާ އޮތް މުއައްސަސާތަކުން ވަމުންދާ އިހުމާލު ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން މިފަހުން މަޖިލިހަށް މައްސަލައެއް ވެސް ހުށަހެޅި އެވެ.
ކުޑޫ ހުށަހެޅުއްވި މައްސަލައިގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ރައްކާތެރިކަމާއި އިނާޔަތްތައް ލިބޭނެ ގާނޫނީ ނިޒާމެއް ރާއްޖޭގައި އެކުލަވާލާފައި އޮންނަކަން ފާހަގަކުރައްވާފަ އެވެ.
އެހެންނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާއި ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ އެފަދަ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދިނުމަށް ގާނޫނުތަކުން ލާޒިމުކުރާ ހާއްސަ ރައްކާތެރިިކަމާއި މާލީ އެހީ އަދި ބޭސްފަރުވާ ފޯރުކޮށްދިނުމުގައި އެންސްޕާ އާއި ކަމާ ގުޅުންހުރި މުއައްސަސާތަކުން އިހުމާލުވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
ކަމާ ބެހޭ އިދާރާތަކުން ވަމުންދާ އިހުމާލުތަކާއި މައްސަލަތައް ހައްލުކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، މުޖުތަމައުގައި ހާއްސަ އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އެކަށީގެންވާ ހިދުމަތްތަކާއި އެހީތެރިކަން ލިބިދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް ކުޑޫ ހުށަހެޅުއްވި މައްސަލައިގައި ވަނީ ގޮވާލައްވާފަ އެވެ.
އެ މައްސަލަ ބަލައިނުގަނެ މަޖިލިހުން ވަނީ ބޭރުކޮށްލާފަ އެވެ.