ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން އެމްޕަވަމަންޓް ހަބެއް ގާއިމުކުރުމަށް ރާއްޖޭގެ ޒަކާތު ހައުސް އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި ސޮއިކުރީ މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެ އެއްބަސްވުމުގައި ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނަރަލް އޮފް ޒަކާތު އައްޝައިޚް އިއްޒައްދީން އަދްނާން އެވެ. އަދި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް އިސްމާއިލް އަލީ އެވެ.
މިއީ ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާބާދީ މިހާރު އިތުރުވަމުންދާތީއާއި ރަސްމީ ތައުލީމު ނިންމުމަށްފަހު މުޖުތަމައުއަށް ނިކުންނަ ނުކުޅެދުންތެރި ކުދީންނާއި ތަފާތު ހުނަރުތައް ލިބިފައިވާ ނުކުޅެދުންތެރި މީހުން މުޖުތަމައުގައި އިތުރުވަމުންދާތީ އެފަދަ މީހުންނާއި ކުދީންގެ ހުނަރު ތަރައްގީކޮށް، އިސްލާމީ ތަރުބިއްޔަތު ދިނުމާާއި އިތުރަށް ބާރުވެރިކުރުމަށާއި އެފަދަ ފަރާތްތަކަށް ބޭނުންވާ ދީނީ ޕްރޮގްރާމްތަކާއި ހަރަކާތްތައް ކުރިއަށް ގެންދިއުމަށާއި އެ ފަރާތްތަކަށް މާލީ ތަނަވަސްކަން އިތުރުކުރުމުގެ ފުރުސަތު ހޯދައި ދިނުމުގެ މަގުސަދުގައި ގާއިމުކުރާ ހަބެކެވެ.
ްެމިއަދު އެއްބަސްވުމުގައި ސޮއިކުރީ 25 އަހަރަށް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އެމްޕަވަމަންޓް ހަބް ގާއިމުކުރުމަށް ނިންމާފައިވަނީ ފަހިދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްއިން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ އަމާން އުދަރެސް ޓަވަރު 7 (ހުޅުމާލެ ފޭސް 2) ގެ އެއްވަނަ ފަންގިފިލާއެވެ.