ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް ރައްޔިތުން އަހުލުވެރިކުރުމަށް މާލެސިޓިގެ ފިހާރަތަކަށް ފުލުހުން ޒިޔާރަތްކުރަން ފަށައިފި އެވެ.
ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް އަމަލުކުރަން ފަށާނީ މިމަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ.
ފުލުހުންގެ ކްރައިމް ޕްރިވެންޝަން ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުގައި ވާގޮތުގެ ފުލުހުން ވަނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް ރައްޔިތުން އަހުލުވެރިކުރުމަށް މާލެސިޓިގެ ފިހާރަތަކަށް ޒިޔާރަތް ކުރަން ފަށާފަ އެވެ. އެގޮތުން މިއަދުގެ ހަރަކާތުގައި 138 ފިހާރައަށް ޒިޔާރާތްކޮށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ކްރައިމް ޕްރިވެންޝަން ސެންޓަރުން ބުންޏެވެ.
ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް ރައްޔިތުން އަހުލުވެރިކުރުމަށް މާލޭގެ ފިހާރަތަކަށް ފުލުހުން ޒިޔާރަތްކުރަން ފަށާފަވާއިރު ކުށުގެ މާހައުލުގައި ކުޑަކުދިން އިތުރުވަމުންދާކަމުގެ ކަންބޮޑުވުން ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ފާޅުކޮށްފަ އެވެ.
ފުލުހުން ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުން ދުވަހުން ދުވަހަށް ކުރެވޭ އާންމު ޕެޓްރޯލިން އާއި އެ ހިދުމަތުގެ ތަފާސްހިސާބު ތަކުން ދައްކާ ގޮތުން، ކުށް ހިންގާ ކަމަށް ފާހަގަކުރެވޭ ބައެއް ސަރަހައްދުތަކުގައި އުމުރުން 18 އަހަރު ނުފުރޭ ފިރިހެން ކުދިންގެ ގްރޫޕްތައް އެއްވެ ތިބޭ މިންވަރު އިތުރުވަމުންދާކަން ވަނީ ފާހަގަކުރެވިފަ އެވެ.
ކުށުގެ މާހައުލުތަކަށް ކުޑަކުދިން ހުށަހެޅުމަކީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށާއި މިކަމުގެ ސަބަބުން ކުޑަކުދިން ގުރޫމިންގެ ޝިކާރައަކަށްވެ، ރައްކާތެރިނޫން ހާލަތްތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އިތުރުވާނެކަމަށް ފުލުހުން ބުންޏެވެ. އަދި ގާނޫނާ ހިލާފަށް އެއްގަމު އުޅަނދު ދުއްވުމަށް ހިތްވަރު ލިބި، މައިންބަފައިންނާ ނުރުހުންވެ ފިލައިގެން ގެއިން ނުކުމެ، މަސްތުވާތަކެތީގެ ވަބާއަށް ހުށަހެޅި، އަދި އެހެނިހެން ގާނޫނާ ހިލާފު އަމަލުތަކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ އެފަދަ ކަންކަމަށް މައިންބަފައިންނާއި ބެލެނިވެރިން އިތުރަށް ސަމާލުވެ، ކުދިން ހަރަކާތްތެރިވާ ތަންތަން ބެލުމަށާއި، އަދި ރައްކާތެރިކަމާއި ޒިންމާދާރުކާމާއެކު އުޅުމާ ބެހޭގޮތުން އެ ކުދިންނާއެކު ވާހަކަދައްކައި މަޝްވަރާތައް ކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރާއްޖޭގައި ކުށުގެ މާހައުލުގައި ހަރަކާތްތެރިވަމުންދާ އަދި ކުށުގެ މާޙައުލަށް ހުށައެޅުމުގެ ރިސްކު އޮތް ހުރިހާ ކުޑަކުދިން ހެޔޮ ބައެއްގެ ގޮތުގައި މުޖުތަމައަށް ނެރުމަށް ހޯޕް އައިލެންޑް ނަމުގައި މުހިންމު މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުންނެވެ.