
ނުރައްކާތެރި މިންވަރަށް މިއަދު މުޅި ރާއްޖެއަށް ވައި ނުސާދުވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން މިއަދު ބުނީ މުޅި ރާއްޖެއަށް، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް ވައި ނުސާވުމުގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާ ކަމަށެވެ. އެގޮތުން މޫސުމާ ބެހޭ ރިޕޯޓުތަކުގައި، ދުރު ފެންނަ މިންވަރު 3 ކިލޯމީޓަރަށްވުރެ ދަށްވެފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
“ކުރިއަށް އޮތް 5 ދުވަހުވެސް އިރުއުތުރުން އަންނަ ވަޔާ އެކު، ދުންފުހުގެ އަސަރު ރާއްޖެމަތީގައި ހުންނާނެކަމަށް ބެލެވޭ،”
އެހެންކަމުން ބޭރުގައި އެކި ހަރަކާތްތަކުގައި އުޅޭ ފަރާތްތަކުން އެޗްޕީއޭގެ އިރުޝާދުތަކަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން ވަނީ ވައިނުސާފު ވަގުތުތަކުގައި މާސްކް އަޅައިގެން އުޅުމަށް އިލްތިމާސްކޮށްފައެވެ. އަދި ގިނަ ވަގުތު ބޭރުގައި ހޭދަ ނުކުރުމަށާއި ސިއްހީ އެކި ބަލިތައް ހުންނަ މީހުންނާއި މާބަނޑު މީހުންނާއި ކުޑަކުދިން ބޭރަށް ނުދިއުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

