ލާމަރުކަޒީ ނިޒާމަށް ރައްޔިތުންގެ އިތުބާރު ލިބޭނީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމުގެ އިތުރުން ކައުންސިލްތައް ޒިންމާދާރު ވެސް ކޮށްގެން ކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ކައުންސިލްތަކުގެ ދައުރުގެ ފަހު އަހަރު މާލީ އާ މުއާމަލާތެއް ފެށުން މަނާކޮށް ގިނަ މާލީ މުއާމަލާތްތައް މޮނިޓާކުރެވޭ ގޮތަށް ބިލެއް ފާސްކޮށްފަ އެވެ.
މި ބިލަށް އެމްޑީޕީ ހިމެނޭހެން އިދިކޮޅު ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވައި މިނިސްޓަރު އާދަމް ޝަރީފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަށް ވުރެ ބޮޑަށް ކައުންސިލްތައް ބާރުވެރިކުރި ސަރުކާރެއް ނެތް ކަމަށެވެ.
އެ ގޮތުން ސަރުކާރުން ކުރަމުން ގެންދާ ބައެއް މަސައްކަތްތައް ވެސް އޭނާގެ ޕޯސްޓްގައި ފާހަގަ ކުރެއްވި އެވެ؛
- ކައުންސިލްތަކަަށް ފަޅު ރަށްތައް ދިނުން
- ރަށްރަށަށް ވަޑައިގެން ރައީސް މުހައްމަދު މުއިއްޒު ކައުންސިލްތަކާ ބައްދަލުކުރެއްވުން
- ކައުންސިލްތަކުން ހުށަހަޅާ ގޮތަށް ސަރުކާރުން ކަންކަން ނިންމައި ދިނުން
- ކައުންސިލްތަކުން ހުށަހަޅާ ބަދަލުތައް ސަރުކާރުގެ މަޝްރޫއުތަކަށް ގެނެސްދިނުން
“ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް ހަގީގީ މާނައިގައި ބާރުވެރިކޮށް، ރައްޔިތުންގެ އިތުބާރު ކައުންސިލްތަކަށް ހޯއްދަވައިދެއްވުމަށް ރައީސް ޑރ މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކާއި ކުރާ މަސައްކަތްތައް,” އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ވީރާނާ ވެފައި ހުރި 105 ކައުންސިލް އިދާރާ އިމާރާތް ކުރުމަށް އަދުގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ވެސް ފާހަގަކުރެއްވި އެވެ.
ކައުންސިލްތަކަށް އިތުރުކުރާ މާލީ ބާރުވެރިކަމުގެ ބާރުން ކައުންސިލްތަކުން ކުރަނީ ޒިންމާދާރު ކަމާ އެކުގައި ކަން ކަށަވަރު ކުރުމަކީ ވެސް ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް އިތުބާރު ބޮޑުވާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
ބިލުގެ ތަފްސީލް
ބިލުގައި ބުނެފައިވަނީ ކައުންސިލްތަކުގެ ދައުރުގެ ފަހު އަހަރު ފިނޭންސް މިިނިސްޓްރީއާއި ލޯކަލް ގަވާމަންޓް އޮތޯރިޓީ(އެލްޖީއޭ)އިން ކަނޑައަޅާ އުސޫލާ އެއް ގޮތަށް ނޫން ގޮތަކަށް މާލީ ބައެއް ކަންކަން ނުކުރެވޭނެ ކަމަށެވެ.
ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ މުވައްޒަފުން ނެގުން ނުވަތަ ކޮންޓްރެކްޓަށް ވެސް މުވައްޒަފުން ނުނެގޭނެ އެވެ. ކައުންސިލްގެ އިހުތިސޯސްތަކުގައި ހުންނަ ފަޅު ފަޅާއި ބިމާއި ފަރުތައް ވެސް ކުއްޔަށް ނުދެވޭނެ އެވެ.
އޭގެ އިތުރުން ކައުންސިލްގެ ފަހު އަހަރު ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންގައި ކަނޑައެޅިފައި ނުވާ ތަރައްގީގެ އާ މަޝްރޫއުތައް ވެސް ނުފެށޭނެ އެވެ.
ބިލުގައި ވަނީ ލޯކަލް ކައުންސިލްތަކުން އުފައްދަ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރި ވެސް ހަނި ކުރެވޭ ގޮތަށް ހުށަހަޅައިފަ އެވެ.
އެގޮތުން އަމިއްލަ ފަރާތަކުން އެ ރަށެެއްގައި ކުރާ ވިޔަފާރި މަސައްކަތެެެއް ލޯކަލް އޮތޯރިޓީއަށް ނުކުރެވޭނެ އެވެ. އޭގެ އިތުރުން އެފަދަ މަސައްކަތެއްގެ އިންވެސްޓްމަންޓް 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވާން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.
މިފަދަ އިސްލާހެއް ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހެޅި އިރު، މިހާރު ހިނގަމުން ދަނީ ލޯކަލް ކައުންސިލްތަކުގެ ދައުރުގެ ފަހު އަހަރެވެ. އަންނަ އަހަރު އޭޕްރީލްގައި ކައުންސިލްތަކުގެ އިންތިހާބު އޮންނާނެ އެވެ. މެއި މަހު ދައުރު ހަމަވެ އެވެ.
މި ވަގުތު ގިނަ ކައުންސިލްތަކުގެ މެޖޯރިޓީ އިދިކޮޅު އެމްޑީޕީއަށް ވެސް އޮވެ އެވެ. މާލެ ސިޓީ ކައުންސިލް ފިޔަވައި އެހެން ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީ ވެސް އޮތީ އެމްޑީޕީ އަށެވެ. މާލެ ސިޓީ ކައުންސިލްގެ ވެސް މޭޔަރަކީ އެމްޑީޕީގެ ބޭފުޅެކެވެ.